ޚަބަރު

ހުޅުމާލޭ "ކޮމިއުނިޓީ އަރބަން ފަރމިންގ"ގެ ދަށުން މާޗް މަހު ދަނޑުވެރިކަންކުރަން ފެށޭނެ


ހުޅުމާލެ "ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓުގެ ދަނޑުތައް ދޫކޮށް، އަންނަ އަހަރުގެ މަރޗްމަހު ހުޅުމާލޭގައި ދަނޑުވެރިކަމުގެ މަސައްކަތް ފަށައިގަންނާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ ދަނޑުތައް ދޫކުރާ ބިންތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މި މަސައްކަތް ނިންމައި އަންނަ އަހަރުގެ މަރޗްމަހު ދަނޑުތަކުގެ ވެރިންނަށް އެތަނުގައި މަސައްކަތް ފަށައިގަނެވޭނެކަމަށެވެ.

"ކޮމިއުނިޓީ އަރބަން ފަރމިންގ ޕްރޮޖެކްޓް"އަކީ ހުޅުމާލޭގައި ދިރިއުޅޭ އާއިލާތަކަށް، ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމާއި، އަދި ތިމާވެއްޓާއި ރައްޓެހި މަސައްކަތްތައް ކުރުމަށް އަހުލުވެރިކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ހުޅުމާލޭގައި މިގޮތަށް ހިންގާ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެދަށުން ދަނޑު ހައްދަން ބޭނުންވާ މީހުންނަށް، އެކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިހާރުވަނީ ހަމަވެފައެވެ. މިކަމަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.

ދަނޑުވެރިކަމުގެ މި ޕްރޮގްރާމްގައި 600 ފޫޓޫގެ 16 ޕްލޮޓް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދަނޑުވެރިކަމާއިގުޅޭ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ލިބޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ކޮންމެ ގްރޫޕަކަށް 600 އަހަފޫޓުގެ ބިމާއި، ގަސްކާނާ އާއި ދަނޑުވެރިކަމަށް ބޭނުންވާ އާލާތްތައް ގަނެވޭ ފިހާރައެއް އެ އޭރިއާގައި ހުންނާނެއެވެ. އަދި ގަސް މުޑުވަށް ކުރުމަށް ގްރީން ހައުސް ބޭނުންކުރެވޭނެ ގޮތްތަކާއި، މަސައްކަތްކުރަން ބޭނުންކުރާ ސާމާނު ރައްކާކުރާ ޓޫލް ޝެޑާއި، އާއްމު ފާޚާނަ ބަރިއާއި، މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ކުޑަ ޕާކަކާއި، ސެކިއުރީ ބެލެހެއްޓުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

މި މަސައްކަތަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތާއި، އަދި ޕްލޮޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓުގައި ކުރިއަށްދާއިރު، 20 އިންސައްތަ މަސައްކަތް މިހާރުވަނީ މުޅިން ނިމިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުން ޕްލޮޓަށް އެދި ހުށައެޅި ފޯމްތައް ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ޕްރޮގްރާމުގައި ބައިވެރިވެވޭނީ ތިން މީހުންގެ ގްރޫޕްތަކަށެވެ. އަރބަމް ފަރމިންގ ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު 48 މީހުންނަށް ލިބޭނެއެވެ.

ޕްރޮގްރާމްގެ ފުރަތަމަ ތިން މަހު އެޗްޑީސީއަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ހަރަތުވަނަ މަހުން ފެށިގެން 1275ރުފިޔާ އަދި ހަތްވަނަމަހުން ފެށިގެން ކޮންމެ މަހަކު 2500ރުފިޔާ ދައްކަން ޖެހޭނެއެވެ. މި ޕްރޮގްރާމްގައި ފެނާއި ކަރަންޓުން ސަބްސިޑީ ދިނުމާއި، ގަސްކާނާ ހަދިޔާކުރުންވެސް ހިމެނެއެވެ.

"ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓަކީ އެޗްޑީސީއާއި ޔޫއެންޑީޕީ އާއި އެގްރިކަލްޗަރ މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.