ޚަބަރު

ދަ ގްރާންޑޭއިން ލީގްގެ ފެށުން މޮޅަކުން ފަށައިފި


ޓީސީގެ ޒުވާން ކުޅުންތެރިންގެ މައްޗަށް ކުރި ހޯދާ ދަ ގްރާންޑޭއިން ލީގުގެ ފެށުން މޮޅަކުން ފަށައިފިއެވެ.
މިމެޗަށް ނިކުތްއިރު، ޓީސީގައި ގިނައީ ޒުވާން ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. އަދި ދަ ގްރާންޑޭގައި ތަޖްރިބާކާރު ގިނަ ކުޅުންތެރިން ހިމެނެއެވެ. މެޗްގެ ކުރީކޮޅުގައި އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ޓީސީގެ އައްޒާމް މުހައްމަދުއަށެވެ. އައްޒާމް ބޮލުން ޖައްސާލަަން މަސައްކަތް ކުރިބޯޅަ، އައްޒާމްގެ ބޮލުގައި ޖެހިފައި މައްޗަށް އެރުމުން ދަ ގްރާންޑޭގެ ޒުވާން ގޯލް ކީޕަރު އިޔާން އަބްދުލް އަލީމްވަނީ ހިފާފައެވެ. މެޗްގެ ފުރަތަމަ 10ވަރަކަށް މިނެޓްގެ ތެރޭގައި ދަ ގްރާންޑޭއަށްވަނީ ގޯލް ޖެހުމަށް ދެތިން ފުރުސަތެއް ލިބިފައެވެ. މީގެއިން ގިނަ ހަމަލާތަށް ޓީސީގެ ގޯލް ކީޕަރު އޮމަދޯވް ދިފާއު ކުރިއިރު، އަނެއް ހަމަލާތައް ދިޔައީ ގޯލަށް އަމާޒުނުވެއެވެ. މެޗްގެ ފުރަތަމަ ހާފު އެއްކޮށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުންނެވެ. މެޗްގެ ފުރަތަމަ ހާފުގައި ލީޑް ނެގުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ދަ ގްރާންޑޭގެ ގާސިމް ސަމާމަށެވެ.
މެޗްގެ 30ވަނަ މިނެޓްގައި ޓީސީގެ ބިދޭސީ ޑިފެންޑަރު ދަ ގްރާންޑޭގެ ފޯވާޑް ކައިދަރޯވް އޭރިޔާގެ ތެރެއިން ވަދެ ބޯޅަ ނައްޓާލާފައި ދާން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ޓީސީގެ ބިދޭސީ ޑިފެންޑަރު ވަނީ ކައިދަރޯވްއަށް ފައުލްކޮށްފައެވެ. މިފައުލްއާއެކު ރެފްރީވަނީ ދަ ގްރާންޑޭއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ގާސިމް ސަމާމް ފޮނުވާލި ޕެނަލްޓީވަނީ ޓީސީގެ ބިދޭސީ ގޯލް ކީޕަރު އޮމަދޯވް ދިފާއުކުރިއެވެ.

މެޗްގައި ފުރަތަމަ ފަހަރަށް ލީޑްނަގާ ކުރި ހޯދީ ދަ ގްރާންޑޭއިންނެވެ. މެޗުގެ 35ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޔަސްފާދު ހަބީބެވެ. އޭރިޔާގެ ބޭރުގައި ހުސްކޮށް ހުރެފައި ޔަސްފާދު ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދާގަނޑަށެވެ. ދަ ގްރާންޑޭއިން ލަނޑުޖެހިތާ 2 މިނެޓްފަހުން ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމްވަނީ އޭރިޔާގެ ތެރެއަށް ވެއްޓި، ޕެނަލްޓީއަކަށް އެޕީލްކޮށްފައެވެ. ނަމަވެސް ރެފްރީ ވަނީ އައްޒާމް އަމިއްލައަށް ވެޓުނުކަމަށް ބަލާ އޭނާއަށް ރީންދޫ ކާޑެއް ދައްކާފައެވެ. ދަ ގްރާންޑޭގެ 2ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ނޫރައްދީނެވެ. ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރި މިލަނޑަކީ ދަ ގްރާންޑޭއިން ވަރަށް ރީތި ޕާސްތަކެއް ކޮލްމުލަށްފަހު ޖެހި ގޯލެކެވެ.

މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ޓީސީއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ޓީސީގެ ކެޕްޓަން އައްޒާމްއަށެވެ. ވާހިދުގެ ބޯމަތިން ވައްޓާލި ބޯޅަ ގޯލްގެ ކުޑައޭރިޔާގެ ބޭރުގައި ހުރެފައި އައްޒާމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނަޑަށެވެ.

މެޗްގެ 2ވަނަ ހާފްގައި ޓީސީއިންވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓީސީއަށް ކުޅެމުން އައިސްފައިވާ ތަޖްރިބާކާރު މިޑްފީލްޑަރު ރިލްވާން އަހުމަދު ކުޅެން އަރުވާފައެވެ. އެއާއެކު ފުރަތަމަ ހާފްއާއި ހިލާފަށް ޓީސީއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފައްދަން މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައެވެ.
މިމެޗްގެ 80ވަނަ މިނެޓްގައި ދަ ގްރާންޑޭގެ ފޯވާޑް ކައިދަރޯވް ޕެނަޓީ އޭރިޔާގެ ތެރެއަށް ވަދެ، ޓީސީގެ ގޯލް ކީޕަރު މަމަދޯވް ކައިރިން ނައްޓާލުމާއެކު މަމަދޯވް ވަނީ ދެ ގްރާންޑޭގެ ފޯވާޑް ކައިދަރޯވްއަށް ފައުލްކޮށް ވައްޓާލާފައެވެ. މިއާއެކު ރެފްރީވަނީ ދަ ގްރާންޑޭއަށް ޕެނަލްޓީއެއް ދީފައެވެ. މިއީ މިމެޗްގައި ދަ ގްރާންޑޭއަށް ލިބުނު 2ވަނަ ޕެނަލްޓީއެވެ. މިޕެނަލްޓީ ކައިދަރޯވް ކާމިޔާބުކޮށް، ދަ ގްރާންޑޭގެ ލީޑް އިތުރަށް ފުޅާކުރިއެވެ. މިއީ މެޗްގައި ދަ ގްރާންޑޭއިން ޖެހި 3ވަނަ ލަނޑެވެ. ޓީސީއިން ލަނޑެއް ޖަހަން މަސައްކަތް ކުރިނަމަވެސް އެޓީމަށްވަނީ ދަ ގްރާންޑޭގެ ގޯލް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.