ވިޔަފާރި

"ޓްރެވަލް މީޓް އޭޝިއާ"ގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ


އޭޝިއާގެ ގައުޢުމުތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް "ޓްރެވަލް މީޓް އޭޝިއާ"ގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

ހަތަރު ބަޔަކަށް ބަހާލާފައިވާ މި ވަރޗުއަލް ރޯޑް ޝޯ އަކީ އައި.ޓީބީ އޭޝިއާގެ ފަރާތުން ކުރިޔަށްގެންދާ އިވެންޓްއެކެވެ.

އެމްއެމްޕީއާރުސީން ބުނީ ރޯޑް ޝޯގެ ފުރަތަމަ ސީރީޒް އަމާޒު ކޮށްފައިވަނީ ދެކުނު އޭޝިއާ ގައުމުތަކަށެވެ. ދެކުނު އިރުމަތީ އޭޝިއާ އަދި މައިސް އެންޑް ކޯޕަރޭޓްގެ އިތުރުން އުތުރު އިރުމަތީ އޭޝިއާގެ ގައުމުތަކަށްވެސް މި ހަރަކާތް ބޭއްވުމަށް ވަނީ ރާވަފައެވެ.

މި އިވެންޓުގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 7 ކުންފުންޏަކުން ބައިވެރިވެއެވެ. ރޯޑް ޝޯގެ ޕެލްޓްފޯމް މެދުވެރިކޮށް ދެކުނު އޭޝިއާގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބޭފުޅުންނާއި ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ރާއްޖޭގެ ބައިވެރިންނަށް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން އަންނަނީ ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. މީގެތެރޭގައި ޓްރެވެލް އެޖެންޓްސް ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، އިންސްޓަގްރާމް އަދި އިންޑިއާގެ ސެލަބްރިޓީންނާއިއެކު ކުރިއަށްގެންދިޔަ ކެންޕެއިންތައް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.