ވިޔަފާރި

ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވަން ތައްޔާރުވަނީ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ "އޮތެންޓިކް މޯލްޑިވްސް"ގެ ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

މ.ކަނީރުވިލާގައި ބީސީސީން ހުޅުވަން ތައްޔާރުވެފައިވާ މި ފިހާރައިގައި ތަކެތި ވިއްކުމަށް ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ބީސީސީއިން ކުރާ މި މަސައްކަތަކީ ދިވެހި އަތްތެރި މަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި ކުރާ މަސައްކަތެކެވެ. އަދި ހަމައެހެންމެ މިފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކޮށްދިނުމަކީވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރާ މި މަސައްކަތުގެ އަމާޒެކެވެ.

މާލޭގައި ހުޅުވި މި ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބީސީސީއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ހިނގާ ޑިސެމްބަރުމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިޔުންތައް [email protected] އަށް މެއިލް ކުރުމަށް ބީސީސީން ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ބީސީސީން ވަނީ ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ ސެންޓްރޯ މޯލްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ފިހާރައެއް ހުޅުވާފައެވެ. ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައިވެސް ބީސީސީ އޯތެންޓިކް މޯލްޑިވްސްގެ ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ވަނީ ހުޅުވާފައެވެ.

ފަންނުވެރިކަމާއި، ތަރިކަ ކުރިއެރުވުމަށް މިގޮތަށް އުފައްދާ ތަކެތި މާކެޓުކޮށް ވިއްކޭނެ ގޮތެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަމާއި ދިވެހި އުފެއްދުންތައް ހާއްސަކޮށް ކުޑަކުދިންގެ އުފެއްދުންތައް މި ފަދަ ގޮތަކަށް މާކެޓަށް ނެރުމަށް ފުރުސަތު ދިނުމުގެ މުހިންމުކަން ރާއްޖޭގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ ފާހަގަކުރައްވާފައެވެ.