އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންފިއެވެ.
ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގަތުމުން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު ދުންޔާމައުމޫން އެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭއާއި، ރާއްޖޭގެ ޚާރިޖީއްޔާގެ އިސް ބައެއް ބޭފުޅުންވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.
ޚާރިޖީ ވަޒީރު ދުންޔާ މައުމޫނުގެ ދައުވަތަކަށް ޝުޝްމާ ސުވަރާޖްގެ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ، އިންޑިޔާއާއި ދިވެހި ރާއްޖެއާއި ދެމެދު އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިބައްދަލުވުމުގައި ބައިވެރިވާ އިންޑިޔާ ވަފްދުގެ އިސްކޮށް ހުންނަވާނީ އިންޑިޔާގެ ޚާރިޖީވަޒީރެވެ. އިންޑިޔާއާއި ދިވެހި ރާއްޖެއިން ޖޮއިންޓް ކޮމިޝަން އުފައްދާފައިވަނީ ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރު. މިކޮމެޓީ އުފައްދާފައިވަނީ ދެގައުމުން ސޮއިކޮށްފައިވާ އިގްތިސާދީ އަދި ފަންނީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން. މިއެއްބަސްވުމުގެ ދަށުން ހުރިހައި މައިދާނެއްގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެއެވެ.
ދިވެހި ޚާރިޖިއްޔާއިން ބުނެފައިވަނީ މާދަމާ ބާއްވާ ޖޮއިންޓް ކޮމެޓީގެ ފަސްވަނަ ބައްދަލުވުމުން ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކޮށްދޭނެކަމަށެވެ. މިބައްދަލުވުމަށްފަހު ދެގައުމުގެ ވަޒީރުން ޖޮއިންޓް ސްޓޭޓްމަންޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ.