މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް އައްޑޫ އޮޑިޝަން ފަށައިފި


މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ އޮޑިޝަން އައްޑޫ ސިޓީ ހިތަދޫގައި މިއަދު ފަށައިފިއެވެ.ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ އައްޑޫ ސިޓީގެ އޮޑިޝަންތައް ކުރިއަށްދަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.މޯލްޑިވިއަން އައިޑަލްގެ ހިތަދޫ އޮޑިޝަން މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، ހިތަދޫގެ އިތުރުން، އައްޑޫ ސިޓީގެ އެކި ރަށްތަކާއި އަވަށްތަކުން ގިނަ އަދަދެއްގެ ބައިވެރިން ދަނީ ޝޯވގައި ބައިވެރިވުމަށްޓަކައި، ނަންނޯޓްކޮށް ރަޖިސްޓްރޭޝަންގެ ކަންތައްތައް ފުރިހަމަކުރަމުންނެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ ތިން ލެވެލްއަކަށް ބަހާލައިގެން. ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން އޮޑިޝަނެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދެ އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް އެފަރާތްތަކުގެ ލަވަކިޔުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ފެށުމަށް ބައްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ތިން ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްގެންގޮސް، މި ޝޯވގެ ފުރަތަމަ ޕްރޮގްރާމް ޝޫޓް ކުރުމުގެ މަސައްކަތުގައި ޕީ.އެސް.އެމްގެ ތިރީހަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ޓީމެއް އައްޑޫގައި ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި 8 ކެމެރާމަނުންނާއި، 5 ޕްރޮޑިއުސަރުންގެ އިތުރުން، ޓެކްނީޝަނުންނާއި، ސައުންޑް އަދި ލައިޓިންގްސްގެ ކަންކަން ހަމަޖައްސާނެ މީހުންނާއި، ސްޓޯރީ ރައިޓަރުން ހިމެނެއެވެ. މިޓީމްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދާއި، ފްރެމެންޓަލް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަނުޕަމާ މެންޑްލޯއީގެ އިތުރުން އިންޑިއަން އައިޑަލްގެ ކްރިއޭޓިވް ޑައިރެކްޓަރ ސަތިޝް ދަތް އަދި މޯލްޑިވިއަން އައިޑަލްގެ ކްރިއޭޓިވް ޑިރެކްޓަރ މުޢާވިއަތު އަންވަރެވެ. މި މަސައްކަތް ކުރުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ރައްޔިތުންގެވެސް ވަރަށް ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ލިބެމުންދާކަން ޕީ.އެސް.އެމްގެ ޓީމުން ފާހަގަކުރެއެވެ. އަދި ފުރަތަމަ އޮޑިޝަނާއި އަޅާބަލާފައި، ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.