ޚަބަރު

އެއްހަމަ ހަވީރު – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އުފާވެރި ވަގުތުކޮޅެއް


ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޙަރަކާތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަދަ ހަރަކާތްތަކުގެތެރެއިން ހއ.އިހަވަންދޫގައި ކުރިއަށް ގެންދިޔަ ޚާއްސަ ހަވީރަކީ ތަފާތު ޙަރަކާތެކެވެ.

މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ އިހަވަންދޫ ވުމެންސް ކޮމިއުނިޓީން އިސްނަގައިގެންނެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވުމެންސް ކޮމިއުނިޓީގެ ރައީސާ ފާޠިމަތު ޝާޢިރާ ވިދާޅުވީ މިހަވީރު ކުރިއަށް ގެންދިއުމުގައި އިހަވަންދޫގެ އެކިއެކި މުއައްސަސާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށެވެ. އެގޮތުން މިޙަރަކާތުގައި އިހަވަންދޫގެ މުއައްސަސާތަކުން ވަނީ ކުޅިވަރު ކުޅުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ސްޓޯލްތަކެއް ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ 90 މީހަކާއި ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންދާ 30 މީހެއް މިވަގުތު އިހަވަންދޫގައި އެބަތިއްބެވެ. މި ޙަރަކާތުގެސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިޙުސާސްތައް ހާމަވެ އެ މީހުންނާ މުޖުތަމަޢާ އޮންނަ ގުޅުން ބަދަހިވެގެން ދިޔަކަމަށް ވުމެންސް ކޮމިއުނިޓީ ބުންޏެވެ.

އިހަވަންދޫގައި ބޭއްވި މިހަވީރުގައި ޖެންޑަރ މިނިސްޓްރީންވަނީ ޚާއްސަ މެސެޖެއް ފޯރުކޮށްދެއްވާފައެވެ. މެސެޖު ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިފްހާމް ޙުސައިނެވެ.

އިފްހާމް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ލިބުމުގައި، ދަތިތަކެއް ހުރިކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އިހަވަންދޫ ވުމެންސް ކޮމިއުނިޓީން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ގުޅުންހުރި ކަންކަމުގައި، ޢާއްމުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ.