ވިޔަފާރި

ދިވެހި މަސްވެރިކަމަށް ބޭރުގެ ބާޒާރުގައި ހައްޤު މަޤާމު ލިބިފައެއް ނެތް: މިނިސްޓަރ ޒަހާ


ދިވެހި މަސްވެރިކަމަށް ބޭރުގެ ބާޒާރުގައި ހައްޤު މަޤާމު ލިބިފައިނެތްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މިހެން ވިދާޅުވީ، 40 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްވެރިކަމުގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިމަހުގެ 10 އިން 11 އަށް ކުރިއަށް ދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ހައްޤު މަޤާމު ބޭރުގެ ބާޒާރުތަކުގައި ޤާއިމްވެފައި ނެތުމަކީ މަސްވެރިންނާއި ސިނާޢަތުގެ ބައިވެރިންގެ ކަނބޮޑުވުމެއްކަމަށެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ޔޫރަޕުގެ ޤައުމުތައް ބަނދުވުމާއެކު، މަސް އެކްސްޕޯޓްކުރުމުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކުރިކަމަށެވެ. އެގޮތުން ބޮޑު ކަންނެލީގެ އެކްސްޕޯޓުކުރުން ފުރަބަންދުގެ ސަބަބުން އެއްކޮށް ހުއްޓުމަކަށް އައިސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ރިސޯޓު މާކެޓާށާއި އެކްސްޕޯޓަށް ބަރޯސާވެފައި އޮތް ފާނަ މަސްވެރިކަމާއި، ހުއިފިލަނޑާ މަސްވެރިކަމާއި އަދި ފަރުމަހުގެ މަސްވެރިކަމަށްވެސް ވަރަށް ބޮޑެތި ގެއްލުން ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ މަސްވެރިންގެ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ޒޫމް މެދުވެރިކޮށެވެ. މަސްވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި މިފޯރަމުގެ މަޤްސަދަކީ، މަސްވެރިކަމުގެ ސިނާޢަތުގައި ތަރައްޤީކޮށް ކުރިއެރުވުމުގައި އާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި އެކި މައްސަލަތައް، ހައްލުކުރުމާއި، މަސްވެރިކަމުގައި ސިނާޢަތުގައި ހިމެނޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމާއި ގުޅޭ ގޮތުން، ހިޔާލު ބަދަލު ކޮށް މަޝްވަރާކުރުމެވެ.

މަސްވެރިންގެ ފޯރަމުގެ ބައިވެރިންނަށް މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ޤާނޫނީ މައުލޫމާތުތުތަކާއި، ދައިރާގައި މިހާރު ހިނގަމުންދާ ކަންކަަމާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނެވެ. މީގެ އިތުރުން މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތާއި، އެކުކަލްޗަރ ސިނާއަތާއި ގުޅޭ ގޮތުން ފޯރަަމުގެ ބައިވެރިންނާއި މައުލޫމާތު ހިއްސާކޮށް ހިޔާލު ބަދަލު ކުރެވިފައިވެއެވެ. މީގެ އިތުރުން މަސްވެރިންނަށް މިވަގުތު ދިމާވާ ގޮންޖެހުންތަކަކީ އަދި މަސްވެރިކަން ކުރުން މަނާ ސަރަހައްދުތަކާއި ގުޅޭ ގޮތުން ފޯރަމުގައި މަޝްވަރާ ކުރެވުނެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި މި ފޯރަމުގައި ބައިވެރިވުމަށް ކައުންސިލްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވުނެވެ. މީގެ އިތުރުން މިދާއިރާގައި ހަރާކާތްތެރިވާ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.