ވިޔަފާރި

މީރާގެ ކަލެކްޝަން ސެންޓަރެއް މުލީގައި ހުޅުވައިފި


މ. މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މ. މުލީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، މި ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ މުލަކު އަތޮޅު ކައުންސިލުގެ ރައީސް، އައްޝައިޚް ޔޫސުފް ސިދުޤީއެވެ.

މުލި ކަލެކްޝަން ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައިވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެއެވެ. އޭގެތެރޭގައި، ރަޖިސްޓަރީކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިހާތަނަށް މީރާއިން ވަނީ 17 އަތޮޅެއްގައި 18 އޮފީސް ގާއިމްކޮށް އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.