ޚަބަރު

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ޖެނުއަރީގައި ހުޅުވާލުމަށް މަސައްކަތްކުރަނީ


މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު އަންނަ ޖެނުއަރީމަހު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިފަހަރު ލޯނު ދޭނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަކަމަށާއި އަދި ވަކި ގޮތްތަކެއް ނިންމާފައި ނުވާކަމަށެވެ.
ކޯވިޑް-19އިގެ ސަބަބުން މިއަހަރު ލޯނުގެ އިތުރު ބުރެއް މިއަހަރު ހުޅުވާފައި ނުވެއެވެ.

ސްޓޫޑެންޓް ލޯން އެންމެ ފަހުން ދޫކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެފަހަރު އެކި ދާއިރާތަކުން ކިޔެވުމަށްޓަކައި ޖުމްލަ 514 ދަރިވަރަކަށް ލޯން ދޫކޮށްފައިވެއެވެ. އެއީ 151 މިލިޔަން ރުފިޔާއެވެ. އެންމެފަހުން ދޫކުރި ލޯނު ސްކީމުގައިވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި މެޑިކަލްގެ ދާއިރާ ފަދަ ދާއިރާތަކަށް ބައެއްވަނީ ކަނޑައަޅާފައެވެ. އަދި އިންތިޚާބީ ދާއިރާތަކަށް ޚާއްސަކޮށްގެންވެސް ލޯނު ދޫކޮށްފައިވެއެވެ. މީގެ އިތުރުން މާލީގޮތުން ފުދުންތެރިކަން ނެތް ފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއްވެސް ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ އަންނަ އަހަރު މަތީ ތަޢުލީމުގެ ދާއިރާއިން ހުޅުވާލާ ލޯން ސްކީމްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ޖާގަތަކެއް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ރަށަކަށް ޖާގައެއް ދިނުމުގެ ވިސްނުން ހުރިކަމަށްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް އެކުލަވާލި ބަޖެޓުގައި ވަނީ މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި، ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓްކޮށްފައެވެ.