ޚަބަރު

ފުރިހަމަ ތާއީދުއާއެކު އެމްބީއޭގެ ރައީސްއަކަށް އަހުމަދު އާދަމް އިންތިހާބުކޮށްފި


ވޯޓްގައި ބައިވެރިވި ހުރިހާ ކްލަބެއްގެ ތާއީދުއާއެކު އެމްބީއޭގެ ރައީސްއަކަށް އަހުމަދު އާދަމް އިންތިހާބްކޮށްފިއެވެ.

ސޮލައިޓް ރެސްޓޯރަންޓުގައި އިއްޔެ ބޭއްވި މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީ ހޮވުމަށް ބޭއްވި ޖަލްސާގައި 21 ކުލަބްއަކުން ވޯޓުލިއިރު، ޓީރެކްސް ބާސްކެޓް ބޯލް ކުލަބްގެ ފަރާތުން ރައީސްއަކަށް އިންތިހާބުވި އަހުމަދުު އާދަމްއަށް ހުރިހާ ކްލަބެއްގެ ވޯޓް ލިބިފައިވެއެވެ.

މިއިންތިޙާބުގައި ހޮވި އެހެން ކޮންމެ މަޤާމަކަށްވެސް އެންމެ ބޭފުޅަކު ވާދަކުރުމާއި ގުޅިގެން ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

2024 ވަނަ އަހަރާއި ހަމައަށް ހޮވާ މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީގެ ނައިބް ރައީސްއަކަށް ހޮވިފައިވަނީ ހުސެއިން ސުހެއިލްއެވެ. ހަޒާންދާރަކަށް ހޮވިފައިވަނީ އިސްމާޢީލް ނުޖައިމީ އިބްރާހިމްއެވެ އަދި އަމިއްލަ މެންބަރަކަށް ހޮވިފައިވަނީ އަހުމަދު ގާސިމްއެވެ.  

އެކްސްކޯގެ ފުރިހަމަ މެންބަރުންގެ ގޮތުގައި 5 މެންބަރުން އިންތިޚާބުގައި ހޮވާފައިވެއެވެ. އެއީ އަހުމަދު ނާސިރު އިބްރާހިމް، ހުސެއިން ފަސީލް، ހުސެއިން އަމީން، އަހުމަދު ޝަރީފް އަދި ދިޔާނާ އަފީފްއެވެ.

މިދިޔަ ދައުރުގައި ހަޒާންދާރުގެ މަގާމްގައި ކުރި އަހުމަދު އާދަމްގެ އާ ލީޑަރޝިޕްއިން ބާސްކެޓް ބޯލް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށްކަމަށް އަހުމަދު އާދަމް ވިދާޅުވިއެވެ. އަދި ބާސްކެޓް އެރީނާގެ މަސައްކަތް އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާނެކަމަށް އާދަމް ވިދާޅުވިއެވެ.

އެމްބީއޭގެ އެންމެ ފަހުގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ޒުވާން ލީޑަރޝިޕްއަކަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސްގެ މަގާމްއަށް ވާދަނުކުރައްވާނެކަމަށް ވަނީ ކުރިން ވިދާޅުވެފައެވެ.