ޚަބަރު

ވަސީލަތްތައް ނެތުމުން، ޑޮކްޓަރުންގެ ފުރިހަމަ ބޭނުން ނުހިފޭ - ފުވައްމުލަކު ހޮސްޕިޓަލް


ޑޮކްޓަރުން ތިބެ، ވަސީލަތްތައް ނެތުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުދެވޭކަމުގެ ޝަކުވާ ފުވައްމުލަކު ހޮސްޕިޓަލުން، ނައިބު ރައީސް ފައިސަލް ނަސީމްއާއި ޙިއްސާކުރައްވައިފިއެވެ.

ފުވައްމުލަކު ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ނައިބު ރައީސް ފައިސަލް ނަސީމްވަނީ ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ބައްދަލުކުރައްވައި، ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި އެހޮސްޕިޓަލުން ފާހަގަކުރެއްވީ ހޮސްޕިޓަލްގައި އެކި ފަރުވާތަކުގެ ޑޮކްޓަރުން ތިބި ނަމަވެސް، އެކަށީގެންވާ ފަރުވާ ނުލިބުމުގެ މައްސަލައައެވެ. އެގޮތުން ލޮލުގެ ފަރުވާއާއި، ދަތުގެ ފަރުވާ އާއި ކަށީގެ ފަރުވާދޭ ޑޮކްޓަރުން ހޮސްޕިޓަލްގައި ތިބި ނަމަވެސް، މެޝިނަރީ ނެތުމުގެ ސަބަބުން ޑޮކްޓަރުންގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ނުދެވޭކަން ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

މިކަމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވެ، ބައެއް ކުދިކުދި ފަރުވާތަކަށްވެސް މާލެއަށް ފޮނުވަންޖެހޭކަން ފާހަގަކުރައްވަމުން މިކަމަށް ކޮންމެ އަހަރަކު ބޮޑު ހޭދައެއް ހިނގާކަން އެހޮސްޕިޓަލުން ހާމަކުރެއްވިއެވެ.

13،000 މީހުންގެ އާބާދީ އޮންނަ ފުވައްމުލަކު ހޮސްޕިޓަލްގައި އެންމެ އެމްބިއުލާންސެއް އޮތުމާއި، ހޮސްޕިޓަލްގެ މުޢައްޒަފުންގެ ދަތިކަމާއި، ޖާގައިގެ ދަތިކަންވެސް އެހޮސްޕިޓަލަށް ދިމާވެފައިވާކަންވެސް އެހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލްގެ ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ހޮސްޕިޓަލަށް އިމާރާތެއް އިތުރުކުރުމާއި، ޑޮކްޓަރުންގެ ފުރިހަމަ ބޭނުންހިފޭނެ ގޮތް ފަހިކުރުމަށް މެޝިނަރީ ހޯދުމާއި، މުޢައްޒަފުންނަށް ތަމްރީން ދިނުމާއިގުޅޭ ގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިތުރު ޓެސްޓުތައް ހެދޭނެ ގޮތް ފަހިކުރުމަށް، އައިޖީއެމްއެޗްއާއި އައްޑުއަށް ސާމްޕަލް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމުވަނީ މި މައްސަލަތައް ކަމާގުޅޭ މުއައްސަސާތަކާއި ހަމައަށް ގެންގޮސް، ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެރަށެއްގައި ހުރި ވަސީލަތްތައް، ލިބެންހުރި މިންވަރަކުން ރަނގަޅުގޮތުގައި ބޭނުންކޮށް، ޚިދުމަތް ފޯރުކޮށްދެމުން ގެންދިއުމަށް ނައިބު ރައީސްވަނީ އެދިވަޑައިގެންފައެވެ. މިފަދަ ކަންކަމަކީ ދާއިރާއަށް އިތުރު ކުރިއެރުންލިބި، ރަށުން ބޭރުން ބޭސްފަރުއާއަށްކުރާ ހޭދަ ކުޑަކުރެވޭނެ މުހިންމު ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމްވަނީ ހޮސްޕިޓަލްގެ އޮނިގަނޑާއި ހިންގުމުގައި ހުރި މައްސަލަތަކަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އަވަސް މުސްތަޤްބަލެއްގައި ހެލްތު މިނިސްޓްރީގެ ޓީމެއް ފުވައްލަކު ހޮސްޕިޓަލަށް ފޮނުވާ، ދިމާވެފައިވާ މައްސަލަތައް ގާތުން ދެނެގަތުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ސްޕެޝަލިސްޓް ގިނަ ޚިދުމަތްތަކާއި އެކި ކަހަލަ ގިނަ ޓެސްޓްތައް ހެދުމުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.