ބައިނަލް އަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކުން) ތަފާތު ކަންކަމަށް އަންހެން ކުދިން ހޭލުންތެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.އަންހެން ކުދިންނަށް ތައުލީމު ދިނުމާއި، އެކުދިން ބާރުވެރިކުރުމުގެ ތަފާތު ބައިތައް ހިމަނައިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރ އައިޝަތު އަފްރީން އެވެ. މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަފްރީން ވިދާޅުވީ، އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ އެކުދިންނަށް މުޖުތަމައުގައި ހަމަ ހަމަ ފުރުސަތުތަށް ހޯދައިދިނުމަށްކަމަށާއި، އަންހެން ކުދިން ބާރުވެރިކުރުމާއި، މަތީތައުލީމުގެ މުހިންމުކަން އަދި، ދުޅަހެޔޮ ސިއްޙަތާއި ކާނާ، އަދި އިޖުތިމާއީ ރިވެތި އުސޫލުތައް ކުދިންގެ ކިބައިގައި އަށަގެންނެވުމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެކުދިން ބާރުވެރިކުރުމަށް އާކުން ކުރާ މަސައްކަތް ފާހަގަކުރެވޭކަމަށާއި، މަސައްކަތު ބައްދަލުވުމުން ލިބޭ މައުލޫމާތުގެ އަލީގައި އަންހެން ކުދިންނަށް އެކުދިންގެ މުސްތަގްބަލް ބިނާކުރެވޭފަދަ މައުލޫމާތު ލިބިގެންދާނެކަމަށެވެ.އާކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކައިގައި، ދިވެހި އަންހެން ދަރިންގެ މުސްތަގުބަލަށްޓަކައި، މިއަދު އެޅިގެންދާ ފިޔަވަޅުތަކުގެ ސަބަބުން މާދަމާގެ ޒުވާނުންނަކީ، ވަރަށް ބާރުވެރި، ކެރޭ އެހާމެ ހީވާގި ގާބިލް ބަޔަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.އަދި އަންހެން ކުދިންނަކީ، ކަންކަމާމެދު ހޭލުންތެރި މުޅި މުޖުތަމައުގެ ކުރިއެރުމަށްޓަކައި، މަސައްކަތް ކުރާނެ ކުދިންތަކަކަށް ވާނެކަމަށް އާކުން އުންމީދުކުރާކަމަށްވެސް ޒެނީޝާ ވިދާޅުވިއެވެ. އަންހެން ކުދިންގެ ކުރިއެރުމާއި ތަރައްޤީއަށް އަމާޒުކޮށް އާކުން ކުރިއަށްގެންދާ ގްރޭސް ކެމްޕެއިންގެ ދަށުން ކޮލަމްބޯގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގެ އެހީގައި ބާއްވާ މި މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ބުރުގައި ބައިވެރިވެފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް އެގާރައިގައި ކިޔަވަމުންދާ އަންހެން ދަރިވަރުންގެ ތެރެއިން ފަންސާސް ކުދިންނެވެ. ކުރިއަށް އޮތްތަނުގައި އަންހެން ކުދިންނަށް އަމާޒްކޮށްގެން މާލެއާ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް މިފަދަ މަސައްކަތު ބައްދަލުވުންތަށް ބާއްވަމުންދާނެކަމަށް އާކުން މައުލޫމާތުދެއެވެ.2012 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ އެގާރަވަނަ ދުވަސް، ދުނިޔޭގެ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދަނީ، 2011 ވަނަ އަހަރު އދ ގެ ޤަރާރަކުން އެގޮތަށް ފާސްކުރުމާއި ގުޅިގެނެވެ.