ޚަބަރު

ކޯވިޑް-19 : މިއަދު 22 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 19 މީހުން


ރާއްޖެއިން މިއަދު އިތުރު 22 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 19 މީހުން ބަލިން ރަނގަޅުވެއްޖެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 15 މީހުންނެވެ. އަދި ރަށްރަށުން 4 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 3 މީހުން ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13348 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19 ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12659 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މަދުވާން ފަށާފައިވާއިރު، މިބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 634 އެވެ. މިބަލީގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންގެން ދަނީ 61 މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1966 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 267308 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.