ޚަބަރު

ރާއްޖެ ސަރަޙައްދުން ބޭރުގެ 2 މަސް ބޯޓު ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި


ރާއްޖެ ސަރަޙައްދުން ބޭރުގެ 2 މަސް ބޯޓު ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޤަޢުމީ ދިފާޢީ ބާރުން ވިދާޅުވީ ރާއްޖެ ސަރަހައްދުން ބޭރުގެ ބޭރުގެ މަސްބޯޓުތަކެއް ފެނިފައިވަނީ ހައްދުންމަތީ އިސްދޫ މުލީގެ 87 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ރާއްޖޭގެ މަސް ދޯންޏަކުންކަމަށެވެ.

މިކަމުގެ ރިޕޯޓް މިއަދު ހަވީރު 17:05ހާއިރު ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑިއެފުން ވިދާޅުވިއެވެ.

ބޭރުގެ 2 މަސްބޯޓެއް ރާއްޖެ ސަރަހައްދުން ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، މިމަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުންވަނީ އަތުލައިގެންފައެވެ.

މިފަދަ ކަންކަމުގައި ދިވެހި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ޤައުމީ ދިފާއީބާރުންދަނީ ފާހަގަކުރަމުންނެވެ.