ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ ޤައުމީ މައްސަލައަކަށްވެއްޖެ: ނާއިބު ރައީސް


މަސްތުވާތަކެތީގެ މައްސަލަ ޤައުމީ މައްސަލައަކަށްވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މުޖުތަމަޢުގެ ކުރިއެރުމުގައި ޒުވާނުންގެ ބައިވެރިވުމަށް ހީނަރުކަން އައިސްފައިވާމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އެހީތެރިކަމާއިއެކު އައްޑޫ ހުޅުދޫގައި ޤާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވައި، ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް މަސައްކަތަކީ ރާއްޖެއަށް މުހިންމު ދާއިރާތަކުން ޒުވާނުންނަށް ތަމްރީންދީ، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި ބަޔަކަށް ޒުވާނުން ހެދުންކަމަށެވެ. ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ޙައްލުނުކޮށް ބޭއްވޭނެ މައްސަލައެއް ނޫންކަމަށާއި، އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލައެއްކަމަށެވެ.

"ޤާނޫނުގައި ކަނޑައެޅިފައި އޮތަސް، ބަޔަކު ނުކުރީމައި މިކަން މިއޮތީ ނުވެ. މި މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ރެއާއި ދުވާލު މަސައްކަތްކޮށް، މިފަދަ މީހުންނަކީ މިކަމުން ސަލާމަތްވެ ޤައުމު ކުރިއެރުވުމުގައި މަސައްކަތްކުރާ ބަޔަކަށް ހަދާނަން." ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިކަން ޙައްލުކުރުމަށް ހަމައެކަނި ފަރުވާއެއް ދީގެން ނުފުދޭނެމަށެވެ. މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމުގައި މުޖުތަމަޢުގެ ރޯލު ބޮޑުކަމަށް ވިދާޅުވިއެވެ. މިފަދަ މީހުންނަކީ މުޖުތަމަޢުއަށް އެނބުރި އައިސް އާމްދަނީ ލިބި ފުދުންތެރި ބަޔަކަށް ހެދުމުގައި މުޅި މުޖުތަމައުގެ އެހީ ބޭނުންވާ ބައެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ހުޅުދޫގައި ހަދާ ސެންޓަރަކީ ޑިޓޮކްސް ކުރުމުގެ އިތުރުން މުހިންމު ޚިދުމަތްތަކެއް ލިބޭ ތަނަކަށް ހަދާނެކަމަށެވެ.

އެގޮތުން ވަބާގައި ޖެހިފައިވާ މީހުނަން ސިއްޙީގޮތުން ދޭންޖެހޭ ފަރުވާގެ އިތުރަށް، އެމިހުން މުޖުތަމައުއަށް ނެރުމަށްޓަކައި އިޖުތިމާއީގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަރުވާދީ މީހާ ރަނގަޅުވެގެން އަނެއްކާ މިދަނީ ކުރީގެ މުޖުތަމައުއަށް، އާއިލާއަށް. ވަރަށް މުހިންމުކަމެއްދެނަން އޭނާ އެނބުރިދާ މުޖުތަމައުއަކީ މިކަމަށް ހޭލުންތެރި، އެފަދަ މީހުންނަށް އެހީވާ މުޖުތަމައުއަކަށް ހަދަން. ކޮމިއުނިޓީއަށްވެސް ރިހެބް ޕްރޮގްރާމްތައް ގެންދާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ. ޑިޓޮކްސް އެންޑް ރިހެބިލިޓެޝަން ސެންޓަރގެ މަސައްކަތް 6 މަސްދުވަހުގެ ތެރެގައި ނިންމައި ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫޢުއަކީ 16 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މަޝްރޫޢުއަށް 7.9 މިލިއަން ރުފިޔާ ހޭދަކުރަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. ސެންޓަރު އެޅުމަށް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.