ވިޔަފާރި

މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 33 އިންސައްތަ ދަށަށް!


މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 33 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 303 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ނޮވެމްބަރމަހު މި ޢަދަދުވަނީ 204 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވިއިރު މިދިޔަމަހު އިމްޕޯޓް އަދި އެކްސްޕޯޓްވެސް ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރމަހު ދިވެހިރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރުމަހު މި ޢަދަދުވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެހެންކަމުން މިއީ 46 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރު މިއަދަދު އުޅެނީ 4.3 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ 52 އިންސައްތައިގެ ދަށްވުމެއްކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ސިންގަޕޯރ އަދި އިންޑިއާއެވެ. ޗައިނާ އިން 267 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޯރ އިން 243 މިލިއަން އަދި އިންޑިއާ އިން 235 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.