ޚަބަރު

ރަތަފަންދޫ އައު އިންޖީނުގޭގެ ބިންގާ އަޅައިފި


ގދ.ރަތަފަންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެގެ ޢިމާރާތުގެ ބިންގާއަޅައިފިއެވެ.

މިޢިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދާއި ރަތަފަންދޫ ކައުންސިލްގެ ރައީސް ޙުނައިފް އަސްލަމެވެ.

ރަތަފަންދުއަށް ދިމާވެފަވާ ކަރަންޓުގެ މައްސަލައަށް ޙައްލުކުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ މިމަސައްކަތަކީ ގދ.ނަޑެއްލާގެ އިންޖީނުގޭގެ މަސައްކަތާއެކު މިއަހަރުގެ ކުރީކޮޅު ފަށަން ހަމަޖެހިފައިއޮތް މަސައްކަތެއް ކަމަށަށް ރަތަފަންދޫ ކައުންސިލުން ވިދާޅުވެއެވެ. އެހެން ނަމަވެސް މި މަސައްކަތް ނުފެށި ލަސްވީ ރަށުން އިންޖީނުގޭގެ އައު ޢިމާރާތަށް ބޭނުންވާ ބިން ލިބުމުގައި ދިމާވި ލަސްތަކުގެ ސަބަބުންނެވެ.

ރަތަފަންދުއަށް ކަރަންޓު ދިނުމަށްޓަކައި މިހާރު ބޭނުންކުރާ އިންޖީނުގެ ހުރިތަނުގެ ސަބަބުން އެހިސާބުގައި ދިރިއުޅެމުންއަންނަ ރައްޔިތުންނަށް ވަރަށްގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެކަން ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީން ސަރުކާރުންވަނީ ކުރިންވެސް އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރަތަފަންދޫ އައު އިންޖީނުގޭގެ ޢިމާރާތުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށާ، މި ޢިމާރާތް 9 މަސް ދުވަހުގެތެރޭގައި ނިންމުމަށް ހަމަޖެހިފަވާކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢާއެކު ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބި، ޒަމާނީ ނިޒާމެއްގެ ތެރެއިން ޔަޤީންކަމާއެކު ޚިދުމަތް ދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.