ޚަބަރު

ނަމާދަކީ އިސްލާމްކަމާއި ކާފިރުކަން ވަކިކޮށްދޭ އިން - ޚުޠުބާ

ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ނަމަވެސް މިއަދު ބައެއް މީހުންގެ ކިބައިން ފެންނަނީ ނަމާދުކުރުމަކީ އުފުލަންޖެހިފައިވާ ބުރައެއްގެ ގޮތުގައި އަމަލުތައް ހުރިތަން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ ނަމާދު ދީނުގެ ތަނބު މިމައުޟޫއަށެވެ.

ނަމާދަކީ ކަނޑައެޅިގެންވާ ވަގުތުތަކެއްގައި އާދަކުރަން މުއުމިނުންގެ މައްޗަށް އަމުރުކޮށްފައިވާ އަޅުކަމެއް ނަމަވެސް މިއަދު އެ މަންޒަރު ފެންނަނީ އެއާ މުޅިން ޚިލާފަށްކަމަށް ހުކުރު ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ. ބުއްދި ސަލާމަތުން ހުރި އެއްވެސް މީހެއްގެ ކިބައިން ނަމާދުގެ ފަރުޟުކަން ކެނޑިގެން ނުދާކަން ފާހަގަކުރައްވަމުން ޚުޠުބާގައި ވިދާޅުވީ ބައެއް މީހުންނަށް ނަމާދުކުރުން ވަނީ އުފުލަންޖެހިފައިވާ ބުރައަކަށް ކަމަށެވެ. މުސްލިމުންގެ ޙާލަތަށް ބަލާއިރު ގިނަ ބައެއްގެ ނަމާދު ތިލަފަތް ލުއިވެފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އެމީހުންގެ ގާތުގައި ނަމާދަށްވުރެ އިސްކަން ދެވެނީ އެހެނިހެން އަމަލުތަކަށް ކަމަށާއި ނަމާދުގެ ވަގުތަކާއި ދިމާކޮށް ދުނިޔަވީ ޢަމަލުތައް ރާވާ ހިންގަމުން އަންނަތަން ފެންނަކަމަށްވެސް ޚުޠުބާގައި ވެއެވެ. މިސްކިތްތައް ކިތަންމެ ގިނަވެ ފަސޭހައިން ދެވޭ ހިސާބުތަކުގައި ހުރި ނަމަވެސް އެކިކަންކަމުގައި މަޝްޣޫލްވެ ނަމާދު އަޅާ މީހުން މަދު ނޫންކަމަށްވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

" މުސްލިމް އަޚުންނޭވެ! ކިތަންމެ ބަލި ބޮޑުވިޔަސް ނަމާދު އެޅުމެއް ނެތެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ މިއާ ޚިލާފު މަންޒަރެކެވެ. މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ދޫކޮށްލައެވެ. ބައެއް މީހުންނަށް ނަމާދު ކުރުން ވެފައި ވަނީ އުފުލަން
ޖެހިފައިވާ ބުރައަކަށެވެ. ބައެއް މީހުން ނަމާދު ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޟާ ކުރުމުގެ ނިޔަތުގައެވެ. އެ ބަލީގައި މަރުވެއްޖެ ނަމަ އެއީ އޭނާއަށް ލިބުނު ޢުޛުރެއް ކަމަށް ދެކިގެންނެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. މާތް ﷲ ގެ އިންޒާރުގެ ބަސްފުޅު އަޑުއަހާށެވެ! އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގައި މާނައިގައިވަނީ "ފަހެ، އެބޭކަލުންނަށް ފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާ ނަފްސުގެ އެދުންތަކަށް ތާބާވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާ ހުއްޓެވެ." ހުކުރު ޚުޠުބާގައި ވެއެވެ.

ނަމާދުގެ ބޮޑު ޒިންމާ ހަދާންކޮށްދެއްވަމުން ހުކުރު ޚުޠުބާގައިވަނީ ނަމާދަކީ މާތްﷲގެ ޙަޟްރަތުގައި މަތިވެރި ޤަދަރެއް ލިބިގެންވާކަމެއްކަން ބަޔާންކޮށްފައެވެ. އިސްލާމްދީނުގެ މަތިވެރި ބިނާ ޤާއިމުވެފައިވަނީ ނަމާދުގެ މަތީގައިކަން ބަޔާންކުރައްވާ ހުކުރު ޚުޠުބާގައި ވިދާޅުވީ ނަމާދަކީ އިސްލާމްކަމާއި ކާފިރުކަން ވަކިކޮށްދޭ އިންކަމަށެވެ.

" ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން މީހާއާއި، ކުފްރާއި، ޝިރްކާ ދެމެދު ވަކިކޮށްދޭ ކަމަކީ ނަމާދު އެޅުމެވެ." އަދިވެސް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ނަމާދަށް ރައްކައުތެރި ނުވި މީހާއަށް ޤިޔާމަތް ދުވަހު ނޫރެއް، ބުރުހާނެއް، ނަޖާވުމެއް ނެތެވެ. އެ މީހާ އެ ދުވަހު ވާނީ ޤާރޫނާއި، ފިރްޢައުނާއި، ހާމާނާއި، އުބައްޔު ބުނު ޚަލަފާ އެކުގައެވެ." މި ބަސްފުޅުގައި ބަޔާންކުރައްވާފައިވާ ހަތަރު މީހުންނަކީ ކުފްރާއި ޝިރުކުގެ ހަތަރު ބޮޑުންނެވެ. ނަމާދަށް ފަރުވާކުޑަކޮށް، މުދާ ހޯދުމާއި މަސައްކަތުގައި އަވަދިނެތި ވަގުތު ހޭދަކުރި މީހާ ވާނީ ޤާރޫނާއެކުގައެވެ. ދުނިޔަވީ ކަންކަމުގައި ވަގުތުތައް ހޭދަކޮށް ނަމާދު އެޅި މީހާ ވާނީ ފިރްޢައުނާއެކުގައެވެ. ދުނިޔަވީ ޢަމަލުތަކުގައި އަވަދިނެތިވެ ނަމާދު ނުކޮށް އުޅުނު މީހާ ވާނީ ހާމާނާއެކުގައެވެ. ނަމާދަށް ވުރެ ނިދުމަށާއި އަރާމަށް އިސްކަންދީ، ނަމާދު ނުކޮށް ދުނިޔޭގައި އުޅުނު މީހާ ވާނީ އުބައްޔު ބުނު ޚަލަފާއެކުގައެވެ." ހުކުރު ޚުޠުބާގައި ވެއެވެ.

މާތްﷲ ކަނޑައަޅުއްވާފައިވާ ވަގުތުތަކުގައި ފަރުޟް ފަސް ނަމާދު އަދާކުރުމަށް ރައްކާތެރިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ. ނަމާދަކީ ހުރިހާ ހެޔޮ ކަމެއްގެ ތަޅުދަޑިކަމަށާއި ﷲގެ ރުއްސެވުމާއި ފުއްސެވުމާއި ހަމައަށް ދަތުރުކުރުމަށް ޖަމާއަތުގައި ނަމާދު އަދާކުރުމަށް ފަރުވާތެރިވުމަށް ހުކުރު ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.