ޚަބަރު

ޕޮލިސް ކުލަބުގެ އެހީގައި ބެޑްމިންޓަން ކުޅުންތެރިންނާއި ކޯޗުން ރިވައިވަލްއިން ތަމްރީނު ކުރަނީ


ބެޑްމިންޓަން ކުރިއެރުވުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ޕޮލިސް ކުލަބާއި ރިވައިވަލް ސްޕޯޓްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރިވައިވަލް ސްޕޯޓްސްއަކީ ރާއްޖޭގެ ރޭންކިންގައި މިވަގުތު އެއްނަންބަރު ކުޅުންތެރިޔާ ޒަޔާން ޒަކީގެ އިސްނެގުމާއި އެކު ކުރިއަށް ގެންދާ އެކަޑަމީއެއްކަން ފާހަގަކޮށްލެވެއެވެ. މިއެއްބަސްވުމުގައި ޕޮލިސް ކުލަބްގެ ފަރާތުން ސޮއިކުރީ އެކުލަބްގެ ރައީސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދެއެވެ. ރިވައިވަލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެކުލަބްގެ ރައީސް ހުސެއިން ޒަޔާން ޝާހިދު ޒަކީއެވެ. މިއެއްބަސްވުމާއި ގުޅޭގޮތުން މަޢުލުމާތުދެމުން ރިވައިވަލް ސްޕޯޓްސްގެ ރައީސް ހުސެއިން ޒަޔާން ޝާހިދު ޒަކީ ވިދާޅުވީ މިއެއްބަސްވުމަކީ ޕޮލިސް ކުލަބްގެ ކުޅުންތެރިންނާއި އެކުލަބުގައި ބެޑްމިންޓަންގެ ކޯޗިންއަށް ޝަޢުގުވެރިކަން ހުންނަ ފަރާތްތައް ދެނެގަނެ އެފަރާތްތައް ތަމްރީން ކުރުމުގެ އެއްބަސްވުމެއްކަމަށެވެ.

މިއެއްބަސްވުމިގެ ދަށުން ޕޮލިސް ކުލަބްގެ ކުޅުންތެރިންނަށް ތަމްރީން ދިނުމަށްފަހު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ކުޅެވޭ ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމާއި، އެކުޅުންތެރިން ތަމްރީން ކުރުންވެސް ހިމެނޭކަމަށް ޒަޔާން ވިދާޅުވިއެވެ. އަދި ޕޮލިސްގެ އެކި ސްޓޭޝަންތައް އަތޮޅު ތެރޭގައިވެސް ގާއިމް ކޮށްފައިވުމުން، އެސްޓޭޝަންތަކުގައިވެސް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި އެފަރާތްތަކާއި ގުޅިގެން އެސަރަހައްދުގެ ރަށްތަކުގައި ބެޑްމިިންޓަނަށް ޝައުގުވެރިވާ ކުދިން ބަލައި އެކުދިންނަށްވެސް ޕޮލިސް ކުލަބްގެ އެހީގައި ތަމްރީނު ދިނުން ހިމެނޭކަމަށްވެސް ރިވައިވަލް ސްޕޯޓްސްގެ ރައީސް ހުސެއިން ޒަޔާން ޝާހިދު ޒަކީ ވިދާޅުވިއެވެ. ޒަޔާން ފާހަގަކުރި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުން އެންމެ ބޮޑަށް ބޭނުންވަނީ ގައުމީ ލެވެލްގެ ކުޅުންތެރިން އުފައްދާ ރާއްޖެއިން ބޭރުގައި ތަމްސީލްކޮށް، ރާއްޖެއަށް ރީތިނަން ހޯދައިދިނުންކަމަށްވެސް ޒަޔާން ވިދާޅުވިއެވެ. އަދި ރިވައިވަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި އޮންނަ މުބާރާތްތަކަށް ދާއިރު، އެކަމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ރިވައިވަލް ސްޕޯޓްސްގެ ފަރާތުންކަމަށްވެސް ޒަޔާން ވިދާޅުވިއެވެ. ޕޮލިސް ކުލަބާއި ރިވައިވަލް ސްޕޯޓްސްއާއެކު ވީ އެއްބަސްވުމަކީ 3 އަހަރު ދުވަހުގެ މުއްދަތަށް ވީ އެއްބަސްވުމެއްކަމަށާއި މި3 އަހަރަށްފަހުވެސް ޕޮލިސް ކުލަބަކާއެކު އިތުރަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ޒަޔާން ވިދާޅުވިއެވެ.