ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކުވައިތުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވައިތުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި ކުވައިތުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި، ކުވޭތާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ކުވައިތުން ރާއްޖެއަށް ވެދޭ އެހީތެރިކަމާއެކު ރާއްޖޭގެ އިޖްތިމާޢީ، އިޤްތިސާދީ ދާއިރާއަށް އަދި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރައްވައި، އެކަމަަށްޓަކައި ކުވޭތު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.