ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ސާނަވީ ދަރިވަރަކަށް މުހައްމަދު އަހްނަފް އަދި މަތީ ސާނަވީ މަރުހަލާގެ އެންމެ މޮޅު ދަރިވަރަކަށް އާއިޝަތު ހަނާ ހޮވިއްޖެއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިޔަށްދިޔަ މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެންމެ މޮޅު ދެދަރިވަރަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނާއިބު އިބްރާހީމް އިސްމާއީލެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް އިސްމާއީލް ވިދާޅުވީ ބ. އަތޮޅަކީ އަދި ޚާއްސަކޮށް އޭދަފުއްޓަކީ ތައުލީމީ އަގުހުރި ދަރިންތަކެއް އުފައްދާފައިވާ ތަނެއްކަމަށާ، ކުރިޔަށް އޮތްތަނުގައިވެސް ގައުމަށް ބޭނުންތެރި މަސައްކަތެރި ދަރިންތަކެއް އުފެއްދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާކަމުގައެވެ.ރޭގެ ޖަލްސާގައި މަތީ ސާނަވީ އަދި ސާނަވީ އެންމެ މޮޅު ދެދަރިވަރުންނަށް ހޮވުނު މުހައްމަދު އަހްނަފް އަދި އާއިޝަތު ހަނާވެސް ވަނީ ގައުމީ ގަދަ ދިހަވަނައިގެ ތެރޭގައި ހިމެނިފައެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ދެއްކެވި ވާހަކާގައި ވަނީ ސްކޫލުން ކޮށްފައިވާ ކަންތައްތަކާއި ލިބިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެސްކޫލުން އެއްއަހަރުން އަނެއްއަހަރަށް ލިބެމުންދާ ކާމިޔާބީތަކަށް ބައްލަވާލައްވާ ވާހަކަދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ އަންނަ އަހަރު ސާނަވީ އަދި މަތީ ސާނަވީގެ ދަރިވަރުންގެ ނަތީޖާ ވަކި ޓަގެޓަކަށް އަމާޒުކޮށްފައިވާކަމުގައެވެ.މިއަހަރުގެ އަހަރީ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ސާނަވީ އަދި މަތީ ސާނަވީ މަރުހަލާއިން ހުރިހާ މާއްދާއަކުން އޭފާސް ހޯދި ދެދަރިވަރަކަށް ލެޕްޓޮޕެއްވެސް ދީފައިވެއެވެ. އަދި އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު 156 ދަރިވަރަކަށް އިނާމު ހަވާލުކޮށްފައިވެއެވެ.