ސިޔާސީ

އދ.ގެ ވަރކިންގ ގްރޫޕުގެ ޚިޔާލު މުރާޖަޢާކުރުމަށް ސަރުކާރުން އެދެނީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލާގައި އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ފާޅުކޮށްފައިވާ ޚިޔާލު އަލުން މުރާޖައާ ކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ސަރުކާރުން ތައްޔާރުވަމުންދާކަމަށް، ދިވެހި ސަރުކާރު ތަމްޞީލްކުރައްވާ ވަކީލެއްކަމަށްވާ ޓޯބީ ކެޑްމަން ވިދާޅުވެއްޖެއެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކެޑްމަން ވިދާޅުވީ، ވޯރކިންގ ގްރޫޕުން ރައީސް ނަޝީދުގެ މައްސަލާގައި ގޮތެއް ނިންމާފައިވަނީ ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަކާއި ނުލާކަމަށެވެ. އަދި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ދިވެހި ސަރުކާރުގެ ފަރާތުން، ޔޫ.އެން.ޑަބްލިޔު.ޖީ.އޭ.ޑީ.ގެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެދި ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް ކެޑްމަން ވިދާޅުވިއެވެ. މި މައްސަލައާމެދު ވާހަކަފުޅު ދައްކަވަމުން ކެޑްމަން އިތުރަށް ވިދާޅުވީ، ޔޫ.އެން.ޑަބްލިޔު.ޖީ.އޭ.ޑީން ފާޅުކުރާ ޚިޔާލުތަކާއި، ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލުކުރުމަކީ ލާޒިމްކަމެއް ނޫންކަމަށެވެ. އަދި، އެ ގްރޫޕްގެ ޚިޔާލުތަކާއި، ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލުކުރުމަކީ، އެ މައްސަލައެއްގައި ޒިންމާވާ ޤައުމެއްގެ އިޚްތިޔާރުގައި އޮންނަ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުގެ މައްސަލައާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކެޑްމަން ވިދާޅުވީ، މި މައްސަލައިގައި ޔޫ.އެން.ޑަބްލިޔު.ޖީ.އޭ.ޑީން ފާޅުކޮށްފައިވާ ޚިޔާލަށް ޢަމަލު ކުރުމާއި، ނުކުރުން، އަދި އެ ޚިޔާލަށް ރިއާޔަތްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހި ރާއްޖޭގެ ކޯޓުތަކަށް ކަމަށެވެ. މިގޮތުން، މިހާރު މި މައްސަލައަށް ގޮތެއް ނިންމުމުގެ އިޚްތިޔާރާއި ބާރު ލިބިގެންވަނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކެޑްމަން އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ޕްރޮސިކިޔުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މި މައްސަލައިގައި ޔޫ.އެން.ޑަބްލިޔު.ޖީ.އޭ.ޑީން ފާޅުކޮށްފައިވާ ޚިޔާލު ސުޕްރީމް ކޯޓަށް ހުށަހަޅާ، އެ ކޯޓުން މި ޚިޔާލަށް ރިއާޔަތްކުރުމުގެ ފުރުޞަތު ދިނުން މުހިއްމުކަމަށެވެ.