ވިޔަފާރި

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީ 59.9 އިންސައްތަ ދަށަށް!


މިދިޔަމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ބަލައިގަތް އާމްދަނީ 59.9 އިންސައްތަ ދަށްވެއްޖެއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މީރާއަށް ނޮވެމްބަރުމަހު ލިބިފައިވަނީ 461 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ އާމްދަނީގެ %66.9 ނުވަތަ 308 މިލިއަން ރުފިޔާއެވެ. 2 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 42 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 19 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި 16.49 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 63.13 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 11.26 އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށް އެ އިދާރާއިން ބުނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީ 59 އިންސައްތަ ދަށްވި މައިގަނޑު ސަބަބެއްކަމަށް އެ އިދާރާއިން ބުނީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މަދުވެ، ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް ދަށްވުމެވެ. މީގެ ސަބަބުން ފަތުރުވެރިކަމުން ދައުލަތަށް ލިބުނު އަމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީވެސް ވަނީ ދަށްވެފައެވެ. އަދި މިއަހަރުގެ ނޮވެމްބަރމަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީވެސް ދައުލަތަށް ލިބިފައި ނުވުމަކީ އާމްދަނީ ދަށްވި ސަބަބެއްކަމަށް މީރާއިން ބުނެއެވެ.