ޚަބަރު

2500 ހައުސިންގ މަޝްރޫޢު ވުޖޫދުގައި ނެތް ، ކުރިމަތިލާން އިޢުލާނެއްވެސް ނުކުރޭ - ފްލެޓް ކޮމެޓީ


ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން މިވަގުތު ރައްޔިތުން އެންމެ އިންތިޒާރުކުރަމުންދާ އެއް މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ "ހިޔާ" މަޝްރޫޢެވެ.

މި މަޝްރޫޢާގުޅޭގޮތުން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މިމަޝްރޫޢުގެ ތެރެއިން ތަރައްޤީކުރާ އެއްކޮޓަރީގެ ފްލެޓްތަކަށް ވީނުވީއެއް ނޭނގޭ މައްސަލައެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން 2500 ހައުސިންގ ޔުނިޓެއްގެވެސް ވަގުތީ ލިސްޓު ކުރީގެ ސަރުކާރުން 2018ވަނަ އަހަރު އާއްމުކުރިއެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތް ހާމަކުރައްވައި މި ސަރުކާރުން ވަނީ އެ ފްލެޓްތަކަކީ ވުޖޫދުގައިވެސް ނެތް އެއްޗެއްކަން ހާމަކުރައްވާފައެވެ.

"ހިޔާ" މަޝްރޫޢުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން 2500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ކަމަށްބުނިނަމަވެސް، އެ މަޝްރޫޢަކީ ނުހިނގާ މަޝްރޫޢެއްކަން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ މީގެ ކުރިންވެސް ހާމަކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ފްލެޓް ކޮމެޓީގެ މެންބަރު އަލްއުސްތާޛް ޠާހާ މުޙައްމަދުވެސް ވަނީ ތަފްސީލްކޮށްދެއްވާފައެވެ.

ފްލެޓް ކޮމެޓީގެ މެމްބަރު ޠާހާ ވިދާޅުވީ، 2500 ހައުސިންގ ޔުނިޓެއްގެ ލިސްޓެއް އެންމެ ފުރަތަމަވެސް ކުރީ ސަރުކާރުން އާއްމުކޮށްފައިވަނީ ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓުތަކާއެކު 4 ނޮވެމްބަރު 2018 ގައިކަމަށެވެ. އެގޮތުން އެ ލިސްޓުގައި މާލޭ ރަށްވެހިންނަށް 1000 ފްލެޓް، 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 500 ފްލެޓް، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 500 ފްލެޓް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 500 ފްލެޓް ކަނޑައަޅާފައިވާކަމަށް ޠާހާ ވިދާޅުވިއެވެ. ނަމަވެސް އެ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުން ހިންގި މަޝްރޫޢެއްނޫންކަމަށާއި، އެ 2500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށްވެސް އޭރުގެ ސަރުކާރުން އެއްވެސް އިރެއްގައި އިޢުލާންކޮށްފައިނުވާކަމަށް ޠާހާ ވިދާޅުވިއެވެ.

"މިއީ ނުހިނގާ ޕްރޮޖެކްޓެކޭ އަޅުގަނޑު މިދަންނަވާ ސަބަބަކީ އެ 2500 ހައުސިންގ ޔުނިޓަކަށް ކުރިމަތިލާކަށް އޭރުގެ ސަރުކާރަކުން އެއްވެސް އިރެއްގައި އިޢުލާންކޮށްފައެއްނެތް. އަޅުގަނޑުމެންނަށް އެއްވެސް ލިޔެކިއުމެއްވެސް ފެންނާކަށްނެތް އެ ފްލެޓްތަކަށް އިޢުލާންކޮށްފައިވާކަމުގެ. 2500 ހައުސިންގ ޔުނިޓަށް ކުރިމަތިލީ ފަރާތެއްވެސް ނެތް. މިސާލަކަށް 2500 ހައުސިންގ ޔުނިޓަށް ކުރިމަތިލާން ހުޅުވާލިނަމަ އޭގެ ވަގުތީ ލިސްޓެއްވެސް އޮންނަންވާނެ. ޝަކުވާ ހުށަހެޅުމުގެ ޕްރޮސެސްވެސް އޮންނަންވާނެ. ކުއްލިއަކަށް ހަމަ އަޅުގަނޑު މި ދަންނަނަވާހެން ދާއިމީ ލިސްޓުތައް އިޢުލާންކުރި 4 ނޮވެމްބަރ ކުއްލިއަކަށް ލިސްޓު-2ގެ ނަމުގައި ނުކުތް ލިސްޓެއް އެބުނާ 2500 ހައުސިންގ ޔުނިޓަކީ" ޠާހާ ވިދާޅުވިއެވެ.

ފްލެޓް ކޮމެޓީގެ މެމްބަރު ޠާހާ ވިދާޅުވީ، "ހިޔާ" މަޝްރޫޢުއާއި ގުޅިގެން ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން މަސައްކަތްކޮށްފައިވާނީ ވީހާވެސް ދެފުށް ފެންނަ ނިޒާމެއްގެތެރެއިން ފްލެޓްތައް އޭގެ އެންމެ ހައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކޮމެޓީން ފޯމުތައް އަލުން އިވެލުއޭޓްކޮށް، ދިރިއުޅުމުގެ ޙާލަތު ބަލާ، ވަކިވަކި ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތައް ޢާއްމުކޮށްފައިވާނީ ކުރީގެ ސަރުކާރުން އާއްމުކުރި ދާއިމީ ލިސްޓުތަކަށްވުރެ ފުރިހަމަ މަޢުލޫމާތާއެކުގައިކަން ޠާހާ ފާހަގަކުރެއްވިއެވެ.

"ކުރީ ސަރުކާރުން އިޢުލާންކުރި ލިސްޓުތަކުގައި ހަމައެކަނި އޮންނަނީ ފޯމު ނަންބަރު، ދެން އެމީހާއަށް ލިބުނު ޖުމްލަ ޕްއިންޓް. އެކަމު މިހާރު އަޅުގަނޑުމެން އިޢުލާންކޮށްފައިހުރި ލިސްޓުތަކުގައި ކޮންމެ ބަޔަކުން އެމީހާއަށް ލިބުނު ޕޮއިންޓް ވަކިން އިނގޭނެ ގޮތަށް އޮންނާނެ ލިސްޓު ތަރުތީބުކޮށްފައި. ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ ސަބަބު އަޅުގަނޑުމެން އޮންނާނެ ބަޔާންކޮށްފައި. މީގެ ބޭނުމަކީ ކޮންމެ މީހަކަށްވެސް އެމީހަކަށް އެ ޕޮއިންޓް އެންމެ މަދުން ލިބުނީ ކޮން އޭރިއާއަކުންކަން އެނގި އެމީހާގެ ޝަކުވާއެއް އޮވެއްޖެނަމަ އެ ފުރުޞަތު ފަހިކޮށްދިނުން" ޠާހާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން މާލޭ ސަރަޙައްދުގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ދަށުން، ފްލެޓް ކޮމެޓީން ފޯމުތައް އަލުން އިވެލުއޭޓްކުރުމަށްފަހު އެކި ކެޓެގަރީތަކުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުތައް އާއްމުކުރަން ފަށާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުން ފެށިގެންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 7 ކެޓަގަރީއަކުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އެ ކޮމެޓީން ވަނީ އާންމުކޮށްފައެވެ. އަދި މިހާރު މައިގަނޑުގޮތެއްގައި ކުރަމުންދަނީ ވަގުތީ ލިސްޓުތަކަށް ހުށަހަޅާ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ ކަންކަންކަމަށް އެ ކޮމެޓީން ވިދާޅުވެފައިވެއެވެ.