ޚަބަރު

އެސްޓްރަޒެނެކާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 70 އިންސައްތަ: ތަހުލީލު


އެސްޓްރަޒެނަކާއާއި އިނގިރޭސިލާތުން އުފައްދާފައިވާ ކޯވިޑް-19 ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 70 އިންސައްތަކަމަށް އެންމެ ފަހުގެ ފުރިހަމަ ތަހުލީލުތަކުން ދައްކައިފިއެވެ. އެ ތަހުލީލުތަކުންވަނީ ވެކްސިންގެ ރައްކާތެރިކަން ޔަޤީންކޮށްދީފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ކާމިޔާބުކަމަށް ދިރާސާތަކުން ދައްކާފައިވާ ނަމަވެސް، ބައްޔާއި ދެކޮޅަށް އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ރައްކާތެރިކަން ދިނުމުގައި ވެކްސިން މަސައްކަތްކުރާނީ ކިހާ ވަރަކަށް ކަމާއިމެދުވަނީ ސުވާލު އުފެދިފައެވެ. އެސްޓްރަޒެނެކާގެ ވެކްސިން އަގުހެޔޮ ވުމާއި ފަސޭހައިން ލިބުމާއި ދޭން ފަސޭހަވުމުގެ ސަބަބުން އެ ޤައުމުތަކުގެ ވެކްސިން ޕްރޮގުރާމުތަކުގައި އެ ވެކްސިން ހިމެނުމަށް ބޭނުންވާ ޤައުމުތަކަށް އެއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ވެކްސިންގެ ތަހުލީލުތަކުގައި އޮޅުންތަކެއް އަރައިފައިވާނަމަވެސް، އަދި އެހެން ވެކްސިންތަކަށްވުރެ އެސްޓްރެޒެނެކާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް ދަށް ނަމަވެސް ކަމާއިބެހޭ މާހިރުން ބުނަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޭނެކަމަށް ބެލެވޭކަމަށެވެ.

މީގެ ކުރިން އެސްޓްރަޒެނެކާގެ ވެކްސިން ބެލެވިފައި އޮތީ ކޯވިޑް-19އާއި ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް ކުރަމުން ދިޔަ މަސައްކަތުގައި އެންމެ ކުރީގައި އޮތް ވެކްސިންގެ ގޮތުގައެވެ. ނަމަވެސް އެމެރިކާގެ ފައިޒަރ އާއި ޖަރުމަނުވިލާތުގެ ބިޔޯއެންޓެކު ކުންފުންޏާއި ގުޅިގެން އުފައްދާފައިވާ ވެކްސިންވަނީ އިނގިރޭސިވިލާތުގެ މައްޗަށް ކުރި ހޯދާފައެވެ. އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 95 އިންސައްތައެވެ. އެ ވެކްސިންވަނީ އިނގިރޭސިވިލާތުގެ އާންމުންނަށް ރަސްމީކޮށް ދޭން ފަށައިފައެވެ.

މެޑިކަލް ޖަރނަލެއްކަމަށްވާ ދަ ލޭންސެޓުންވަނީ އިނގިރޭސިވިލާތާއި ބުރެޒިލާއި ދެކުނު އެފުރިކާގައި ކުރިއަށް ގެންގޮސްފައިވާ ތަހުލީލުތަކުގެ އެންމެ ފަހުގެ ނަތީޖާ ޝާޢިއުކޮށްފައެވެ. އެ ޖަރނަލުގައި ތަހުލީލުތަކުގައި ބައިވެރިވި 23،745 މީހުންގެ މެދުގައި ވެކްސިންގެ ރައްކާތެރިކަމާއި، 11،636 މީހުންނަށް ވެކްސިން ރަނގަޅަށް މަސައްކަތްކޮށްފައިވޭތޯ ބެލި ބެލުމުގެ ނަތީޖާތައްވަނީ ޙިއްޞާކޮށްފައެވެ.

ނަމަވެސް އެ ނަތީޖާތަކުގެ ޙާޤީޤީ މާނަ ދެނެގަތުމަށްވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެއީ، ވެކްސިން ދިނުމުގައި އެރި އޮޅުމެއްގެ ސަބަބުން ތަހުލީލުގައި ބައިވެރިވި ބައެއް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދިނުމުގެ ބަދަލުގައި ބައި ޑޯޒް ދިނުމަށްފަހު އިތުރު ޑޯޒެއް ދީފައިވާތީއެވެ.

ދެ ޑޯޒް ދީފައިވާ މީހުންގެ ތެރެއިން 62 އިންސައްތަ މީހުންނަށް ކޯވިޑް-19 ޖެހިފައެއް ނުވެއެވެ. އަދި ފުރަތަމަ ބައި ޑޯޒް ދީފައިވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލީގެ އަސަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މިނިވަން މާހިރުން ބުނީ ބައި ޑޯޒް ދީފައިވާ މީހުންގެ ޢަދަދުކަމުގައިވާ 2،741 ނުވަތަ ތަހުލީލުގައި ބަރިވެރިވި މީހުންގެ 6 އިންސައްތައަކީ މާ މަދު ޢަދަދެއްކަމަށާއި ވެކްސިންގެ ކާމިޔާބީގެ ނިސްބަތް ޔަގީންކުރުމަށް އިތުރު ތަހުލީލުތައް ކުރަންޖެހޭކަމަށެވެ. އަދި އޭގެ ތެރޭގައި އުމުރުން 55 އަހަރުން މަތީގެ އެއްވެސް މީހަކު ނުހިމެނޭކަމަށްވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވެކްސިން މަސައްކަތްކުރާނެގޮތް ނޭނގޭކަމަށް އެ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.