ޚަބަރު

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޯވިޑް-19އާއި ދެކޮޅަށް ކުރައްވާނެ މަސައްކަތް ބައިޑަން ހާމަކުރެއްވުން


އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އެމެރިކާގެ ވެރިކަމާއި ޙަވާލުވުމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޯވިޑް-19އާއި ދެކޮޅަށް އަޅުއްވާނެ ފިޔަވަޅުތައް ހާމަކުރައްވައިފިއެވެ. ފުރަތަމަ 100 ދުވަހަށް ރާވާފައިވާ ރޭވުންތައް ކިޔައިދެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ޞިއްޙީ ދާއިރާއަށް އައްޔަނުކުރެއްވުމަށް ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ނަންތައް ތަޢާރަފުކޮށްދެއްވަމުންނެވެ.

ބައިޑަން ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމެރިކާގެ ގައިންގަޔަށް އަރާ ބަލިތަކާއިބެހޭ ޚާއްޞަ މާހިރު، ޑރ. އެންތޮނީ ފައުޗީއާއިއެކު އެކުލަވާލައްވާފައިވާ ރޭވުންތައް ތަންފީޒުކުރެއްވުމަށްކަމަށެވެ. އޭގެ ތެރޭގައި އާންމުންނަށް ވެކްސިން ދިނުމާއި މަދަރުސާތައް އަލުން ހުޅުވުމާއި މާސްކު އެޅޭނެ ޙާލަތްތަކުގައި މާސްކު އެޅުން ހިމެނެއެވެ.

އެމެރިކާގައި މިހާތަނަށް 15.5 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 293،398 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 208،121 މީހުންނަށް ބަލިޖެހި 2،913 މީހުންވަނީ މަރުވެފައެވެ. އެ ޤައުމު އޮތީ ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ ޤައުމުގެ ގޮތުގައެވެ.

ބައިޑަން ވިދާޅުވީ އެމެރިކާގެ ޙާލަތު އެހާ ގޯސްވެފައިވަނީ ކުއްލިއަކަށް ނޫންކަމަށާއި އެހެންކަމުން ބަލިމަޑުކަމުން ސަލާމަތްވުމަށްވެސް ވަގުތު ނަގާނެކަމަށެވެ. ނަމަވެސް 100 ދުވަހުގެ ތެރޭގައި ބަލިމަޑުކަމުގެ މިސްރާބު ބަދަލުކޮށްލެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ބައިޑަންގެ ވާހަކަފުޅުގައިވަނީ ކެންޕެއިނު ދުވަސްވަރު ވެ ވަޑައިގެންނެވި ވަޢުދެއް ތަކުރާރުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އިމާރާތްތަކާއި ބިންތަކުގައި މާސްކު އެޅުން މަޖުބޫރުކުރައްވާނެކަމަށާއި، އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުކުރުމުގައި މާސްކު އެޅުން މަޖުބޫރުކުރައްވާނެކަމަށެވެ. އަދި އަމިއްލަ އިޚްތިޔާރުގައި 100 ދުވަސްވަންދެން މާސްކު އެޅުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން 100 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދޭން ބޭނުންވެލައްވާކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. މަދަރުސާތައް ރައްކާތެރިކަމާއިއެކު ހުޅުވުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ސަރުކާރުގެ ފަރާތުން މަދަރުސާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

ބައިޑަންއާއި އެމަނިކުފާނުގެ އިންތިޤާލީ ވަފުދުން ކޯވިޑް-19ގެ ޙާލަތާއި ގުޅޭގޮތުން ކޮށްފައިވާ އިބްތިދާއީ ދިރާސާތަކުންވަނީ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގައި ޤާނޫނުހަދާ މަޖިލީހުގެ ފަރާތުން މާލީ އެހީތެރިކަން ބޭނުންވާނެކަމަށް ފާހަގަކޮށްފައެވެ. އެކަމަށް އިޝާރާތްކުރައްވާ ބައިޑަން ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުން ވެކްސިން ބެހުމުގެ މަސައްކަތަށް ފައިސާ ކަނޑައެޅުމުގައި އަވަސް ނުކޮށްފިނަމަ، ފުރަތަމަ ވެކްސިން ބުރަށްފަހު ލަސްތަކެއް އައުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގައި ތިއްބަވާ ބޭފުޅުން އެކަމާއިގުޅޭ ބިލުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމެވުމަށް ބައިޑަންވަނީ ގޮވާލައްވައިފައެވެ.