ޚަބަރު

ރިނބުދޫ މީހުންގެ މަރިޔަންމާ


ކާމިޔާބު އަދި ތަރައްޤީވެފައިވާ މުޖުތަމަޢެއްގެ ސިއްރަކީ ދުޅަހެޔޮ ޢާއިލާއެކެވެ. މިއަމާޒަށް ވާސިލުވުމަށް ކަމާ ގުޅުންހުރި ތަޖުރިބާކާރުން އަބަދުވެސް އަންނަނީ އިރުޝާދުދެމުންނެވެ. ދ.އަތޮޅު ރިނބުދޫން މިވަނީ މިކަމުގައި އެހެން ހުރިހާ ރަށަކަށް ނަމޫނާ ދައްކާފައެވެ.

ދ.ރިނބުދޫ ކައުންސިލާއި އެރަށު ސިއްޙީ މަރުކަޒު ގުޅިގެން ރަށުގައި ތިބި މާބަނޑު މީހުންގެ ޙާލަތު ވަޒަންކުރުމަށް ކުރިމަސައްކަތުން މިކަމުގައި ގިނަ ތަކުލީފުތަކެއް ޢާއިލާތަކުން އުފުލާތަން ފާހަގަވެގެންދިޔައެވެ. އެގޮތުން މާބަނޑުއިރާއި ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށް ބޭނުންވާ އަސާސީ އެތައްކަމެއް ކުރުމަށް ގިނަ ހުރަސްތަކެއް ހުރިކަން ކައުންސިލަށާއި ސިއްޙީ މަރުކަޒުގެ ޓީމަށް ފާހަގަކުރެވުނެވެ. އެހެންކަމުން މިކަންކަމުން ގުޅިގެން އަރައިގަނެވޭނެ އަދި ރަށުގެ އާބާދީގެ ދުޅަހެޔޮކަމަށް މިޓީމުން ނެރުނީ މަރިޔަންމަލެވެ. މިއީ މިހުރަސްތައް ގިރާ ކުރުމަށް ރިނބުދޫ ކައުންސިލާއި ސިއްޙީމަރުކަޒުގެ ޓީމުން ގުޅިގެން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ.

މަރިޔަންމާ ޕްރޮގްރާމަކީ އުފަންވަނިވި ދުޅަހެޔޮކަން ކަށަވަރުކުރުމަށް މައިގަނޑު 3 ބަޔަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެއީ ބަލިވެއިނުމާއި ވިހެއުމާއި ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި މާލީގޮތުން ފޯރުކޮށްދޭ އެހީތެރިކަމާއި މާލީ ގޮތުން ނޫން ގޮތުން މައިމީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދާއި މައިމީހާއާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް ބޭނުންވާ ކާނާއާއި ގުޅޭ މަޢުލޫމާތާއި ގާތުން ދިނުމާއި ވެކްސިންގެ މަޢުލޫމާތާއި ދުޅަހެޔޮކަމަށް ކުރާނެ ކަސްރަތުތަކާއި ގުޅޭ މަޢުލޫމާތު ކަމާ ގުޅޭ ތަޖުރިބާކާރުން މެދުވެރިކޮށް ފޯރުކޮށްދެއެވެ.

މާލީގޮތުން ފޯރުކޮށްދޭ އެހީތަކުގެ ތެރޭގައި މާބަނޑު ދުވަސްވަރު ކުރަންޖެހޭ ސްކޭންކުރުމަށް މާލެ ދިޔުމާއި ކެއިންބުއިމާއި ހުރުމުގެ ޚަރަދާއި އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ކަންކަން މިޕްރޮގްރާމްގެ ދަށުން ހަމަޖައްސައިދެއެވެ. މާލީ ނޫން ގޮތްގޮތުން ފޯރުވައިދޭ އެހީގެ ތެރޭގައި ކޮންމެ ހަފްތާއެއްގައި ދުޅަހެޔޮ ކާބޯތަކެއްޗާއެކު ފޯރުކޮށްދޭ ގިފްޓް ހެމްޕަރ ހިމެނެއެވެ. އެރަށު ކައުންސިލް ރައީސް ޙާތިމް ވިދާޅުވީ ކޯވިޑް-19އާއެކު ކުރިމަތިވި އެކި ދަތިތަކާއެކު މިހާރު ގިފްޓެ ހެމްޕަރ ފޯރުކޮށްދެނީ މަހަކަށްވާވަރަށްކަމަށެވެ. މި ގިފްޓެ ހެމްޕަރގައި މައިމީހާއި ދަރިފުޅުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. އަދި ތުއްތު ދަރިފުޅާއި މައިމީހާއާއި ގުޅޭ މަޢުލޫމާތު ފޮތްތައްވެސް ހިމެނެއެވެ.

މިޕްރޮގްރާމަކީ މިއަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ފައްޓަވާ ދެއްވި ޕްރޮގްރާމެކެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން މިޕްރޮގްރާމް އޮތީ ހުއްޓިފައި ކަމަށް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރިނބުދޫ ކައުންސިލްގެ ރައީސް ޙާތިމް އިބްރާހިމް ވިދާޅުވިއެވެ. މިޕްރޮގްރާމް ފުރަތަމަ ފެށީ މާބަނޑު 6 އަންހެނަކާއެކުގައި ކަމަށް ޙާތިމް ވިދާޅުވިއެވެ. އެހެންނަމަވެސް ހުއްޓިފައި އޮތުމަށްފަހު މިޕްރޮގްރާމް އަލުން ފެށީ މާބަނޑު 4 މީހުންނާއެކު ކަމަށް ޙާތިމް ވިދާޅުވިއެވެ. މިޕްރޮގްރާމް ފެށުމުގެ މައިގަނޑު ބޭނުމަކީ ރަށުން މާބަނޑު މީހުނަށް ބޭނުންވާ ކާނާއާއި އެންމެ ރަނގަޅު ސިއްޙީ ފަރުވާ ލިބެން ނެތުން ކަމަށް ޙާތިމް ފާހަގަކުރެއްވިއެވެ.


މައިމީހާ ބަލިވެ އިންނަ ދުވަހުން ފެށިގެން މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރިނބުދޫ ކައުންސިލުންވަނީ ހުޅުވާލާފައެވެ. މިޕްރޮގްރާމަކީ މިއަހަރުން ފެށިގެން ކުރިއަށް އޮތް 5 އަހަރަށް ކައުންސިލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މީގެ ދަށުން ރަށުގައާއި ރަށުން ބޭރުގައި ތިބި ރިނބުދޫ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިޕްރޮގްރާމަށް މާލީގޮތުންނާއި އެނޫން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު އުފަންވެނިވި ދުޅަހެޔޮކަމާ ގުޅޭ ތަޖުރިބާކާރުންނަށް އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުވެސް ކައުންސިލުންވަނީ ހުޅުވާލާފައެވެ.

މަރިޔަމްމާ ޕްރޮގްރާމާއެކު ރިނބުދޫ ކައުންސިލުން މިވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ކައުންސިލުން ޒިންމާދާރުކަމާއެކު އަބަދުވެސް މަސައްކަތްކުރާނެކަން ދައްކުވައިދީފައެވެ. ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހެނީ ތުއްތު ދަރިފުޅަށް މައިމީހާ ބަލިވެއިންނަ ހިސާބުންކަމަށްވާތީ ރިނބުދޫ ކައުންސިލުންވަނީ އެމަގުން ފުރަތަމަ ފިޔަވަޅު އަޅާ މުޅި ރާއްޖެއަށް ނަމޫނާ ދައްކާފައެވެ.