ޚަބަރު

ސިއްޙީ ގޮތުން ޒަރޫރީ ޙާލަތްތައް ދިމާވެފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަޝްވަރާކޮށްފި


ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ތެލަސީމިއާ ތަހައްމަލްކުރާ މީހުންނަށް ވަޒީފާގެ ލުއިފަސޭހަ އިންތިޒާމުތައް ހޯދައިދިނުމާއި ގުޅޭގޮތުން ނާއިބު ރައީސް ފައިޞަލް ނަސީމް، ސިވިލް ސރަވިސް ކޮމިޝަންގެ މެންބަރުންނާއި މަޝްވަރާކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ނާއިބް ރައީސް މަޝްވަރާކުރައްވާފައިވަނީ ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މުޖުތަމަޢުގައި ބާކީވިޔަ ނުދީ ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މިފަދަ ބަދަލުތައް ގެނައުމަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ސިއްޙީ ގޮތުން ޒަރޫރީ ޙާލަތެއް ދިމާވެގެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެއްކިބާވާންޖެހޭ ޙާލަތުގައި އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންވެސް ނާއިބް ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ދާއިރާގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދުމުގައި ކޮމިޝަނުން ހޯއްދަވާ ކާމިޔާބީތަކާއި ކުރައްވަމުންދާ މަސައްކަތްވެސް ނާއިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރެއްވުމާއި ބެހޭ މަޢުލޫމާތު ނާއިބު ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމާއި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތްތައް ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނާއިބް ރައީސްގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއާއި، ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.