ޚަބަރު

ރިޟްވާނާއި ޔާމީން ރަޝީދަށް އިންސާފުހޯދަން ކުރާމަސައްކަތް ހުއްޓައެއްނުލާ: ރައީސް


ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ސަރުކާރުން ކުރިއަށް ގެންދާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.

ރިޟްވާންއާއި ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތް ސަރުކާރުން ހުއްޓާނުލާކަން ރައީސް ހާމަކުރެއްވީ 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމަށް ވަރޗުއަލްކޮށް ބޭއްވި ޙަފްލާގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ނޫސްވެރިކަމުގެ ޙަފްލާއެއް ކުރިއަށްދާއިރު، އެމަނިކުފާނުގެ ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައްކަމަށެވެ. ރިޟްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަނީ އުނދަގޫ މަސައްކަތެއްނަމަވެސް އެކަން ސަރުކާރުން ހުއްޓާނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، އަޅުގަނޑުމެން ހުއްޓައެއްނުލަން. އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލި މައްސަލަ ޢާއިލާއިން އެދުނުގޮތަށް ތަޙްޤީގުކުރުމަށް މަރު ކޮމިޝަނާއެކު މަސައްކަތް ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރަކު ގެނެސް ތަހުޤީގުގެ މަސައްކަތް މިޙާރުވަނީ ފާށާފައެވެ.

މިރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ޙަފްލާގައި މޯލްޑިވްސް މީޑިއާ ކައުންސިލުންވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ ހަނދާނުގައި ޚާއްސަ ފިލައެއްވެސް އަރުވާފައެވެ.