ޚަބަރު

ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގައި ނޫސްވެރިންގެ ދައުރު މުހިންމު: ރައީސް


ކޯވިޑް-19އަށް ރައްޔިތުން ހޭލުންތެރިކުރުމަށް، ނޫސްވެރިން އަދާކުރި ދައުރަށްވުރެ، ފުޅާ ދައުރެއް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގައި އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމަށް މޯލްޑިވްސް މީޑީއާ ކައުންސިލުން ބޭއްވި ވަރޗުއަލް ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ނޫސްވެރިންތަކަކާއި ވާދަކޮށް އެވޯޑެއް ހާސިލުކުރާއިރު، ދެން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ، ތިމާއަށް ލިބޭ އެވޯޑުގެ ނަން ދެމެހެއްޓުމަށްކަމަށް ވިދާޅުވެ ރާއްޖޭގައި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތްކަން ފާހަގަކުރައްވާފައެވެ.

ޒިންމާދާރު ނޫސްވެރިކަމަކީ އިވޭ ވާހަކަތަކުގެ ތެދުދޮގު ކަށަވަރުކުރުމަށްފަހު، ނުވަތަ މުޖުތަމަޢަށް ކޮންމެހެން އެނގެންޖެހޭ، ނުވަތަ މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރުކުރުމަށްފަހުގައި ޢާންމުކުރުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަމަށެވެ.

އެގޮތުން ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމަޢަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ތެދެއްކަން ޤަބޫލުކުރެވޭކަމަށާއި، އެހެންކަމުން ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ ޒިންމާއެއްވެސް އެޅިގެންދާކަން ޤަބޫލުކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމަޢުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. ހަމައެފަދައިން، އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ޙަޤީޤީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްވުރެ ނޫސްވެރިންގެ ޒިންމާ ބޮޑުކަން ފާހަކަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއިރަކު ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީ ނޫސްވެރިންގެ ޒިންމާއެއްކަމަށާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތަކެއްކަމަށެވެ.

އެގޮތުން މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދީ، އެކަންކަން ޙައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދުކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ކޯވިޑް-19ގެ ހާލަތުގައި ރައްޔިތުން ހޭލުންތެރިކުރަން ނޫސްވެރިން ކުރިމަސައްކަތް ފާހަގަކުރައްވައި މިހާރު ރާއްޖޭގެ އިޤްތިޞާދުއޮތް ހާލަތުން އަރައިގަތުމަށް ނޫސްވެރިން ފުޅާދާއިރާއެއްގައި މަސައްކަތްކުރެއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

"މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ އަނެއްކަމަކީ، ކޯވިޑް-19ގެ އަޑިގަނޑަށްފަހު، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގެ މަސައްކަތް. މިއީވެސް، ޤައުމީ ފެންވަރުގައި ވަރަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ކަމެއް. އަޅުގަނޑު އުންމީދުކުރަނީ، މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ނޫސްވެރިން އަދާކުރެއްވި ދައުރަށްވުރެވެސް، ފުޅާ ދައުރެއް މިކަމުގައި އަދާކުރައްވާނެ ކަމަށް" ރައީސް ވިދާޅުވިއެވެ.

މީގެ 2 އަހަރު ކުރިން، މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އަޅަމުންދިޔަނަމަވެސް މިއަދު އެ ޘަޤާފަތް މުޅިން ބަދަލުވެފައިވާކަމަށާއި، ދިވެހި ރައްޔިތުންވެސް އަދި ނޫސްވެރިންވެސް އެގޮތް ބޭނުންނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް މިޖަލްސާގައި ރައީސްވަނީ މުހިއްމު މެސެޖެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ، އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައިކަމަށެވެ. އަދި ނޫސްވެރިކަމުގެ އެވޯޑް ހާސިލުކުރި ނޫސްވެރިންފަދަ، ނޫސްވެރިއަކަށްވާން އެދޭނަމަ، ބިނާކުރަނިވި ނޫސްވެރިކަން އިޚްތިޔާރުކުރުމަށް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.