ޚަބަރު

ޑިޖިޓަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކެއް ޤާއިމްކުރަނީ


ރާއްޖޭގައި ޑިޖިޓަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް އެއް ޤާއިމްކުރުމަށްޓަކައި، މިމަޝްރޫޢުއާއި ބެހޭ މަސައްކަތްތައް މިހާތަނަށް ކުރިއަށް ގޮސްފައިވާގޮތާއި އަދި  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއިބެހޭ  އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. އަދި  ޖަޕާންގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، ޖައިކާ ޓީމުގެ ލީޑަރު ޖޮޓާރޯ ޓަޓަޔާމާއެވެ.ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ISDB-Tނެޓްވަރކެއް ޤާއިމްކުރުމަށް އެހީވެދޭން ޖަޕާނުން ނިންމާފައިވާނީ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރާއެކު ސޮއިކުރެއްވި ޖޮއިންޓް ސްޓޭޓްމަންޓުގެ ދަށުންނެވެ.ރާއްޖޭގެ ޓެރެސްޓެރިއަލް ބްރޯޑްކާސްޓިންގ މިހާރަށްވުރެ ފުޅާކޮށް، ޒަމާނީ ގޮތްތަކަށް އެންމެހާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ޑިޖިޓަލް ބްރޯޑްކާސްޓިންގ ޓެކްނޮލޮޖީއެއްގެ އެހީގައި ޤާއިމްކުރެވޭ މި ނެޓްވަރކް މެދުވެރިކޮށް ބްރޯޑްކާސްޓްކުުރުމުގެ ފުރުސަތު ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ލިބިގެންދާނެއެވެ.މިމަޝްރޫޢުގެ މަސައްކަތް ކުރުމުގެ ގޮތުން ޖަޕާނުގެ ޓީމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށް ޓެނިކަލް ސަރވޭތަކާއި އެހެނިހެން ތައްޔާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މިއީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ޚިދުމަތަަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، މިމަޝްރޫޢުގެ ސަރވޭގެ ބޮޑު ބައިގެ މަސައްކަތް މިހާރު ނިމި ޓަވަރުތައް ޖަހާނެ ރަށްރަށާއި ޓްރާންސްމީޓަރުތައް ބަހައްޓާނެ ތަން ތަނުގެ ޓެކްނިކަލް ޕްލޭންގެ ބޮޑުބައެއްގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.ރާއްޖޭގައި ISDB-T  ނެޓްވަރކް ޤާއިމްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށި 2017 ގައި ނެޓްވަރކް ޤާއިމްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުުރިއަށް ގެންދާ މި މަޝްރޫޢަށް 20 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.