ޚަބަރު

އެންމެ އުއްމީދީ ނޫސްވެރިއަކަށް މުޒައްޔިން، ނޫސްވެރިކަމުގެ އިނާމު 10 ފަރާތަކަށް


އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ސަން އޮންލައިންގެ ނޫސްވެރިޔާ މުޙައްމަދު މުޒައްޔިނު ނާޒިމް ހާސިލް ކޮށްފިއެވެ. މީޑިއާ ކައުންސިލުން ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި 10 ފަރާތަކުން ވަނީ އިނާމް ޙާޞިލުކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމް ހާޞިލުކުރި ފަރާތްތަކަށް އެވޯޑާއި އިނާމުތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކާ މިރޭ ޓީވީއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެގޮތުން މީޑިއާ ކައުންސިލުން ދެމުން އަންނަ މި އެވޯޑަށް މިއަހަރު 11 ދާއިރާއަކުން 80 ހުށަހެޅުމެއް ލިބިފައިވާކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެފައިވެއެވެ. މި ހުށަހެޅުންތައް ބެލުމަށްފަހު އިނާމް ހައްޤުވާ ނޫސްވެރިން ކަނޑައަޅާފައިވަނީ އެކަމަށްޓަކާ މީޑިއާ ކައުންސިލުން އެކުލަވާލި ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

އެގޮތުން މިއަހަރުގެ ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކުން 10 ނޫސްވެރިއަކު ޙާޞިލުކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އެވޯޑް ޙާޞިލުކޮށްފައިވަނީ ޕްރިންޓް އަދި އޮންލައިން ކެޓެގަރީންނެވެ.

މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ހޯދާފައިވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ މުޙައްމަދު މުޒައްޔިނު ނާޒިމެވެ. މުޒައްޔިނުވަނީ ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ކެޓަގަރީންވެސް އިނާމް ހާޞިލުކޮށްފައެވެ.

ނޫސްވެރިކަމުގެ އިނާމް މިއަހަރު ޙާޞިލުކުރި ފަރާތްތައް:

- އެންމެ އުއްމީދީ ނޫސްވެރިޔާ - މުޙައްމަދު މުޒައްޔިނު ނާޒިމް / ސަން އޮންލައިން
- ތަޙުޤީޤީ ނޫސްވެރިކަން (ޕްރިންޓް/އޮންލައިން) - މުޙައްމަދު މުޒައްޔިނު ނާޒިމް / ސަން އޮންލައިން
- އިޖުތިމާޢީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން (ޕްރިންޓް/އޮންލައިން) - ޝަފްނާ ޙުސެއިން / ސަން އޮންލައިން
- ސިޔާސީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުޙައްމަދު ވިޝާމް / އަވަސް އޮންލައިން
- ޝަރުއީ އަދި ޤާނޫނީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުއިއްޒު އިބްރާހީމް / މިހާރު ނޫސް
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ (ޕްރިންޓް/އޮންލައިން) - އީމާން އަންވަރު / އަވަސް އޮންލައިން
- ކުޅިވަރުގެ ދާއިރާ (ޕްރިންޓް/އޮންލައިން) - މުޙައްމަދު ހަމްދޫން / މިހާރު ނޫސް
- ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ (ޕްރިންޓް/އޮންލައިން) - މުޙައްމަދު އަފްރާޙް / އަވަސް އޮންލައިން
- ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ (ބްރޯޑްކާސްޓިންގ މީޑިއާ) - ސިމާޙާ ނަސީމް / ރާއްޖެ ޓީވީ
- ފީޗަރ ރިޕޯޓް (ޕްރިންޓް/އޮންލައިން) - މުޙައްމަދު ހަމްދޫން / މިހާރު ނޫސް
- ފީޗަރ ރިޕޯޓް (ބްރޯޑްކާސްޓިންގ މީޑިއާ) - ޝުރުފާ މުޙައްމަދު / ވީޓީވީ
- ފޮޓޯ ޖަރނަލިޒަމް - ނިޝާން ޢަލީ / މިހާރު ނޫސް
- ވީޑިއޯ ޖަރނަލިޒަމް - ޝުރުފާ މުޙައްމަދު / ވީޓީވީ

މިފަހަރުގެ އިނާމަށް މީޑިއާ ކައުންސިލުން ހުޅުވާލާފައިވަނީ އަލަށް 2 ދާއިރާއަކުން އިނާމު އިތުރުކުރުމަށްފަހުއެވެ. މި ފަހަރުގެ އެވޯޑަށް އަލަށް އިތުރުކޮށްފައިވަނީ ތަޙްޤީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމްއާއި، ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ މި 2 ދާއިރާއެވެ.