ޚަބަރު

ޒިކުރާ މިސްކިތް ތަޅާލާ ބިން ސާފުކުރަން ފަށައިފި


ޒިކުރާ މިސްކިތް ތަޅާލާ އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެތަން ސާފުކުރަމުންދަނީ އަޅާނުލާ ގިނަ ދުވަސްވެ އޮތުމުގެ ސަބަބުން ހަޑިވެފައިވާތީއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެންކަމަށާއި އަދި އެތަނުގައި އިތުރު މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިނުވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. މިސްކިތް އެޅުމަށްކަމަށް ބުނެ 2018 ވަނަ އަހަރު ވަނީ ކޮންޓްރެކްޓެއްވެސް ހަދާފައެވެ. ނަމަވެސް މިކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ޕްރޮޖެކްޓް ދިނުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށާއި މާލިއްޔަތު ގާނުނާ ހިލާފަށް އަމަލު ކޮށްފައިވާކަމަށެވެ. މިގޮތުން މިފަދަ އެއްބަސްވުމެއް ޤާއިމްކުރުމުގެ ކުރިން ބަންޑާރަ ނާއިބުގެ ލަފާ ހޯދަންޖެހޭއިރު، މިސްކިތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައި ގާނޫނީ ލަފާވެސް ހޯދައިފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި ސަރުކާރުން ސޮއިކުރި އެއްބަސްވުންވެސް ދިމާނުވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައިނުވާއިރު، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާވެސް ވަނީ ދީފައެވެ.

އޮޑިޓަރ ޖެނަރަލްގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ މިމައްސަލަ ތަހުޤީޤްކޮށްފައެވެ. އޭސީސީގެ ތަހުޤީޤަށްފަހު އެކޮމިޝަނުން ބުނެފައިވަނީ ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤުން ހާމަވާކަމަށެވެ.

އޭސީސީން ވިދާޅުވާ ގޮތުން އަވަހަށް މަސައްކަތް ނިންމަންކަމަށް ބުނެ އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން އޭރު އިސްލާމިކް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ރައީސް އޮފީހުން ދީފައިނުވާއިރު، 3 ޕްރޮޕޯސަލެއްގެ މަޢުލޫމާތު ހިމަނައި އެ 3 ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މާދަވެރި ބީލަން މަރުހަލާއެއް ކުރިއަށްދިޔަ ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭކަމަށް އޭސީސީން ވިދާޅުވެއެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ސަރުކާރުން ޤާއިމްކޮށްފައިވާ އެއްވެސް ބާތިލުކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު، މި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒިޔާދުގެ މައްޗަށް ދަޢުވާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ފްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.