ޚަބަރު

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދިފައިވާ ކުންފުނިތަކަށް އެ ފުރުޞަތު އެބައޮތް- މިނިސްޓްރީ


އުމްރާކުރުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ހުޅުވާލާފައިވާތީ ދިވެހި ކުންފުނިތަކަށްވެސް މިހާރު އުމްރާއަށް މީހުން ގެންދިއުމުގެ ފުރުޞަތު އެބަ އޮތްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ވަކިން އެކަން އަންގާފައި ނުވިނަމަވެސް, އުމްރާއަށް ދިއުމުގެ ފުރުޞަތު އެހެން ޤައުމުތަކަށް ހުޅުވާލާފައިވުމުން ރާއްޖޭގެ ކުންފުނިތަކަށްވެސް ސަޢޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަން ކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ގުޅިގެން މިހާރު އޮތް ޚާއްސަ ޙާލަތުގައި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ރަސްމީކޮށް މިހާތަނަށް ނުލިބޭކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީއާ ގުޅިގެން އެކަމުގެ މަޢުލޫމާތުތައް ސާފުކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖެއިން ޢުމުރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު މިއަހަރު ތެރޭގައި އިތުރުކޮށް އިތުރު ކުންފުނިތަކަށްވެސް ހުއްދަ ދީފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރުކޮށްދީފައިވަނީ "ދިވެހިރާއްޖެއިން ޢުމުރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލު"ގެ ދަށުން 2 އަހަރުދުވަހަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަކަށެވެ. އެގޮތުން އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރުދުވަހަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި އުޞުލާއެކު 37 ކުންފުންޏަކަށް ޢުމުރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުމްރާއަށް ދިއުމުގެ ފުރުޞަތު ސައުދީން ހުޅުވާލާފައިވާއިރު މިއީ ކޯވިޑުން ރައްކާތެރިވުމަށް ޙަރަމްފުޅު ބަންދުކޮށްފައި އޮންނަތާ 7 މަހަށްފަހު ޤައުމުން ބޭރުން އަންނަ މީހުންނަށް ޙަރަމްފުޅު ހުޅުވާލި ފުރަތަމަ ފަހަރެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާއަށް ހުޅުވާލުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން އާއްމުކޮށް އުމްރާއަށް ހުޅުވާލި ނަމަވެސް އުމްރާއަށް އެޤައުމަށް ދެވޭނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށްކަމަށެވެ.

އުމްރާއަށް ދާ މީހުން 3 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހެއެވެ. އަދި އުމްރާއަށް ދެވޭނީ 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ހުށަހެޅުމުންނެވެ.

އުމްރާއަށް އަންނަ މީހުން މައްކާގެ ޙަރަމްފުޅާއި މަދީނާގެ ނަބަވީ މިސްކިތަށް ވަނުމަށް ރިޒަވޭޝަން ހައްދަންޖެހޭއިރު، ސައުދީން ފުރާނެ ތާރީހުވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާކުރުމަށް ސައުދީއަށް ދެވޭނީ އެޤައުމުގެ ސަރުކާރުން ކަނޑައަޅާ ވަކި ޤައުމުތަކަށެވެ. އަދި ހުއްދަދޭ ޤައުމުތަކުން އުމްރާއަށް އަންނަ ކޮންމެ ގްރޫޕެއްގައި ގެންދެވޭނީ ގިނަވަގެން 50 މީހުންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. އަދި ޤްރޫޕަކާއި ނުގުޅި އުމްރާއަށް ނުދެވޭނެކަމަށްވެސް ސައުދީން ބުނެއެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާއަށް އަންނަ މީހުންނަށް ހާއްސަކޮށްގެން ތްރީ ސްޓަރއާއި ފައިވް ސްޓަރގެ 1800 ހޮޓާ ހަމަޖައްސާފައިވާކަމަށާއި މި ތަންތަނުގައި ޖުމްލަ ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދެވޭނެކަމަށެވެ. އަދި މި ތަންތަނުގައި ރައްކާތެރިވުމަށް ވަކި އުސޫލްތަކެއް ހިފެހެއްޓުމަށް އަންގާފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު އާއްމުކޮށް ހުޅުވާލާއިރު އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.