ޚަބަރު

ކޯވިޑްގެ ޙާލަތުން އަރައިގަތުމަށް ސާކް ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ: ރައީސް


ކޯވިޑް-19 އާއެކު ޤައުމުތަކަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ސައުތު ސާކް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްޙޫރިއްޔާ މިހެން ވިދާޅުވީ އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާކް އުފެދުނުތާ 36 އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކުގެ ސެކްރެޓަރީ ޖެނަރަލް އެސާލާ ރުވާން ވީރަކޫންއާއި ސާކްގެ ސެކްރެޓޭރިއެޓް އަދި މެންބަރު ޤައުމުތަކަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ކޯވިޑް-19ގެ ޙާލަތުގައި ފާހަގަކުރަމުންދާ މިދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަމަށެވެ. އަދި މި ޙާލަތުން އަރައިގަތުމަށް ސާކް ޤައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޯވިޑްގެ މިޙާލަތުގައި ދިމާވެފައިވާ ދަތިތަކާއެކުވެސް ސާކް ޤައުމުތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވި، ސާކް ކޯވިޑް-19 އެމަރޖެންސީ ރިލީފް ފަންޑް އެކުލަވައިލެވިގެން ދިޔުމަކީ ސާކް ޤައުމުތަކުގެ ގާތް ގުޅުން ރަމްޒުކޮށްދޭކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އަދި މިފަދަ ޙާލަތެއްގައި މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

1985 ގައި ސާކް އުފެދުމާއެކުވެސް ރާއްޖެއަކީ އެ ޖަމިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައިވާ ޤައުމެއްކަން ފާހަގަކުރައްވާ މި ގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.