ވިޔަފާރި

ޓުޓިކޮރިންއިން އަންނަ "އެމްވީ ބޮންތި 2" ބުރާސްފަތި ދުވަހު އައްޑޫއަށް


އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖެ އަންނަ ކާގޯ ފެރީ ބުރާސްފަތި ދުވަހު އައްޑޫގައި ބަނދަރުކުރާނެކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ބުނެފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ބުނީ އިންޑިއާގެ ޓުޓިކޮރިންއިން އަންނަ ކާގޯ ފެރީ "އެމްވީ ބޮންތި 2" ހޯމަ ދުވަހު އިންޑިއާއިން ފުރާފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެ ބޯޓު އައްޑޫއަށް ބަނދަރުކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވްސް ޝިޕިންގް އިން ބުނީ، ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނަށް އަންނަ ފުރަތަމަ ކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެންނާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ، މިއީ މިމަހުގެ 6 ވަނަ ދުވަހު އަންނަން އޮތް ބޯޓެއް ނަމަވެސް، މޫސުން ގޯސްވުމާއި ގުޅިގެން ޓުޓިކޮރިން ބަނދަރުން މުދާ އެރުވުމުގައި ދަތިތަކެއް ދިމާވެ ދަތުރު ލަސްވީކަމަށެވެ. މިއީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ހުވަދޫ ގުޅާލުމުގެ ގޮތުން ބާއްވާ ކާގޯ ފެރީއެކެވެ. މި ކާގޯ ފެރީން ކޮންމެ 20 ދުވަހަކުން ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރީން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާއި ދެމެދުވެސް ވަނީ ކާގޯ ފެރީގެ ޙިދުމަތުން ގުޅާލާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ކޮޗިން އާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައިވަނީ މިއަހަރު ސެޕްޓެމްބަރުމަހުއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޭރު ޤައުމުތަކުން މުދާ ގެންނަ ބޯޓުތައް އަންނަން ފަށާފައިވާއިރު، ރާއްޖެއިން ބޭރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ސީދާ މުދާ ގެނެއުމަގެ މަސައްކަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މުހިއްމު ވައުދުފުޅެކެވެ.