ޚަބަރު

ބްރައިޓެން ބަލިކޮށް ސައުތުހެމްޓަނުން ލީގުގެ 5ވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓެން ބަލިކޮށް ލީގުގެ 5ވަނައަށް ސައުތުހެމްޓަނުން ޖެހިލައިފިއެވެ.

ބްރައިޓެން މެޗުގައި ލީޑްނަގާ ކުރި ހޯދީ ލިބުނު ޕެނެލްޓީއަކުން ޕަސްކަލް ގުރޮސްއެވެ. ސައުތުހެމްޓަނުން ނަތީޖާ ހަމަހަމަކުރީ ޖެނިކް ވެސްޓާގާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ސައުތުހެމްޓަން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާއިން އެނބުރި އައި ޑެނީ އިންގްސްއެވެ. މިއީ ޕެނެލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އިންގްސް ވަނީ 2019ވަނަ އަހަރު ކުލަބާ ގުޅުނުފަހުން މިހާތަނަށް ކުލަބަށް 28 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެންމެފަހުން ރަށުން ބޭރުގައި ސައުތުހެމްޓަނުން ޖެހި 4 ލަނޑުވެސް ކާމިޔާބުކޮށްދީފަ ވަނީ ޑެނީ އިންގްސްއެވެ. މިއީ ރިކީ ލަންބާޓް 2013 ވަނަ އަހަރު ރަށުން ބޭރުގައި ސައުތުހެމްޓަނަށް 4 ލަނޑުޖެހުމަށްފަހު ސައުތުހެމްޓަނުގެ ކުޅުންތެރިޔަކު 4 ލަނޑުޖެހި ފުރަތަމަފަހަރުއެވެ.

މި ސީޒަންގެ ލީގުގައި އަދި މިހާތަނަށް ބްރައިޓެންއަށް އަމިއްލަ ދަނޑުގައި މޮޅެއް ލިބިފައެއް ނުވެއެވެ. އެންމެފަހުން ހޯމަ ދުވަހުގެ ރޭ ލީގުގަ ކުޅުނު 15 މެޗުގެ ތެރެއިން މިއީ ސައުތުހެމްޓަން މޮޅުވި ފުރަތަމަ މެޗެވެ. މި މެޗުން ހޯދި މޮޅާއެކު ސައުތުހެމްޓަން ވަނީ 11 މެޗުން 20 ޕޮއިންޓް ހޯދާ، ތާވަލުގެ 5ވަނައަށް ކުރިޔަށް ޖެހިލާފައެވެ.