ޚަބަރު

ދިފާޢީ ވަކީލުން އެދޭ ހުރިހާ މަޢުލޫމާތެއް ދިނުން ލާޒިމެއް ނޫން - ޕީޖީ ޝަމީމް


ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގައި ދިފާޢީ ވަކީލުން އެދޭ ހުރިހާ މަޢުލޫމާތެއް ދައުލަތުން ދިނުން ލާޒިމު ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދިފާޢީ ވަކީލުންނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭނީ ތަހުޤީޤަށް ހޯދިފައިވާ މަޢުލޫމާތާއި ދައުވާގެ ތެރޭގައި ހިމެނޭ މަޢުލޫމާތުތައް އެކަނިކަމަށް ޖިނާޢީ އިޖުރައާތުގެ ޤާނޫނުގައި ބުނެފައިވާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ދިފާޢީ ވަކީލުން އެދޭހާ މަޢުލޫމާތެއް ފޯރުކޮށްދޭން ޖެހޭކަމަށް ޤަބޫލު ކުރުމީ ގިނަ ފަހަރަށް ވަކީލުންނަށް އޮޅިފައި އޮންނަ ކަމެއްކަމަށެވެ.

ކޯޓުގެ ޙުކުމްތަކަކީ ހަމައެނި ލިޔުންތަކަށް ބިނާވެފައި އޮންނަ އެއްޗެއް ނޫންކަމަށާ، ހެކިންނާ ސުވާލުކުރުމާއި ހެކީގެ ސައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތުވެސް މިހާރު ކޯޓުތަކުގައި ލިބޭނެ ކަމަށެވެ. ޕީޖީ މިގޮތަށް ވިދާޅުވެފައި ވަނީ ވަކި މައްސަލައެއް ނުވަތަ ވަކިކަމަކަށް ރިޢާޔަތް ކޮށްފައެއް ނޫނެވެ.