ޚަބަރު

ފުލުހުންގެ ބޯޑަކީ ޚިދުމަތް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް - ސީޕީ


ފުލުހުންގެ ޚިދުމަތުގެ ބިލާއެކު އެކުލަވާލެވޭ ބޯޑަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ވިދާޅުވިގޮތުގައި މި ބަދަލަކީ 2019ވަނަ އަހަރުންފެށިގެން ގެނައުމަށް މަސައްކަތް ކުރަމުން ދިޔަ ބަދަލެއްކަމަށެވެ.

ސީޕީ ވިދާޅުވިގޮތުގައި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފަންވަރު ހަރުދަނާކޮށް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުން ޖަވާބުދާރީކުރުވުމަކީ މި ބޯޑުގެ މައިގަނޑު މަޤުސަދަކަށް ވެގެންދާނެއެވެ. ފުލުހުންގެ ބޯޑު އެކުލަވާލަން ޖެހެނީ ހަތް މެންބަރުންނާއެކުއެވެ. އަދި ފަސް މެންބަރުންގެ އިސްތިއުނާފު ބޯޑެއްވެސް މި ބިލާއެކު އެކުލަވާލަންޖެހެއެވެ.

މި ބިލުން މިނިސްޓަރ އޮފް ހޯމް އެފެއާޒަށް އިތުރު ބާރުތަކެއް ލިބިގެންދެއެވެ. އަދި ފުލުހުންނަށް ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ބާރާއިއެކު ލެސް ލީތަލް ހަތިޔާރު ބޭނުންކުރުމުގެ ބާރު ދީފައިވެއެވެ. އޭގެއިތުރުން ތަހްޤީޤުކުރަންޖެހޭ މައްސަލަތަކުގެ ބޭނުމަށް މަރުވެގެން ވަޅުލާފައިވާ މީހަކު ކޮނެގެން ނަގައި އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ދިނުމަށްވެސް ވަނީ ބިލުގައި ހިމަނާފައެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ ވޯޓާއެކުއެވެ.