ޚަބަރު

ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފި


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގުޅިގެން ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. މި ދައުވާތަކަށް ޒިޔަތު އިއުތިރާފުވެ ދައުލަތަށް އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވިކަމަށް ޒިޔަތަށް ތުހުމަތުކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ.

ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް

1 ވަނަ ދައުވާ - 5 އަހަރާއި 7 މަސް
2 ވަނަ ދައުވާ - 3 އަހަރާއި 2 މަހާއި 12 ދުވަސް
3 ވަނަ ދައުވާ - 1 އަހަރާއި 7 މަސް
4 ވަނަ ދައުވާ - 9 މަހާއި 18 ދުވަސް
5 ވަނަ ދައުވާ - 4 މަހާއި 24 ދުވަސް
6 ވަނަ ދައުވާ - 2 މަހާއި 12 ދުވަސް
7 ވަނަ ދައުވާ - 1 މަހާއި 06 ދުވަސް
8 ވަނަ ދައުވާ - 18 ދުވަސް
9 ވަނަ ދައުވާ - 09 ދުވަސް
10 ވަނަ ދައުވާ - 04 ދުވަސް
11 ވަނަ ދައުވާ - 02 ދުވަސް
12 ވަނަ ދައުވާ - 01 ދުވަސް

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަހެވެ. އައު ޤާނޫނުލް ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކުޅަ އެއްބަޔެވެ. އަދި އޭގެފަހަށް އަންނަ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހަށް ޖަލަށް ލުމެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ގެންދަނީ ތަންފީޒުކުރަމުންނެވެ.