ކުޅިވަރު

ޓޮޓްހެންހަމްއިން އިގްލިޝް ޕްރިމިއަރ ލީގްގެ ތާވަލްގެ އެއްވަނައަށް ޖެހިލައިފި


އާސެނަލް ބަލިކޮށް ޓޮޓްހެންހަމްއިން އިގްލިޝް ޕްރިމިއަރ ލީގްގެ ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވ.

ރޭ ކުޅުނު މެޗް ޓޮޓްހެންހަމް ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ. މިމޮޅާއެކު ޓޮޓްހެންހަމްއަށް ތާވަލްގެ އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. ރޭގައި ކުޅުނު މެޗް ކާމިޔާބުކޮށް ލިވަޕޫލްވެސްވަނީ ޓޮޓްހެންހަމްއާއި އެއްވަރަށް ޕޮއިންޓް ހޯދާފައެވެ. އެއީ 24 ޕޮއިންޓެވެ. ނަމަވެސް ޓޮޓްހެންހަމްއަށް ތާވަލްގެ ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ޓޮޓްހެންހަމް އާއި އާސެނަލް ބައްދަލުކުރި މެޗްގައި ޓޮޓްހެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ ކޭން އާއި ސޮން ހުންގް މިންއެވެ. މެޗްގެ ތޭރަވަނަ މިނެޓްގައި ސޮން ހުންގް މިން ލަނޑު ޖެހުމަށް އެހީތެރިވެދީފައިވަނީ ހެރީ ކޭން އަދި މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ހެރީ ކޭން ލަނޑު ޖެހުމަށް އެހީތެރިވެދީފައިވަނީ ސޮންކަން ފާހަގަކޮށްލެވެއެވެ.

28އަަހަރުގެ ސޮން އަދި 27 އަހަރުގެ ހެރީ ކޭން މިދެ ކުޅުންތެރިން ގުޅިގެން މިހާތަނަށް ޕްރިމިއަރ ލީގުގައިވަނީ 28 ގޯލް ޖަހާފައެވެ. މީގެ ކުރިން ދެ ކުޅުންތެރިއަކު ގުޅިގެން އެންމެ ގިނަ ގޯލް ޖާހާފައިވަނީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑޮރޮގްބާ އާއި ފްރޭންކް ލަންޕާޑެވެ. މިދެ ކުޅުންތެރިން އެކުވެގެންވަނީ 36 ގޯލް ޖަހާފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ޓޮޓްހެންހަމުން ދެ ލަނޑު ޖެހިކަމުގައި ވީނަމަވެސް، ޓޮޓްހެންހަމުން މޮޅަށް ކުޅެފައިވަނީ މެޗްގެ ދެވަނަ ހާފްގައިކަން ފާހަގަކޮށްލެވެއެވެ. މެޗްގެ ފުރަތަމަ ހާފުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިނަމަވެސް އެޓީމަށް ލަނޑެއް ޖެހޭގޮތްވަނީ ނުވެފައެވެ.

މިމެޗް ބަލަން ސަޕޯޓަރުން ވަދެފައިވާއިރު، ކޮވިޑާއި ގުޅިގެން މިއީ 277 ދުވަސްފަހުން ސްޕޯޓަރުންނާއި އެކު މެޗް ކުޅުނު ފުރަތަމަ ފަހަރެވެ. މެޗްގައި އާސެނަލްއަށް ގޯލް ޖެހުމަށް ދެތިން ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އެޓީމަށްވަނީ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ. މެޗަށްފަހު ހެރީ ކޭންބުނީ ސޮން ކަހަލަ އެކުގައި މަސައްކަތް ކުރާނެ ކުޅުންތެރިއެއް ލިބުމުން ވަރަށް އުފާވާކަމަށާއި މެޗްގެ ތެރޭގައި ދެ ފަރާތުގެ ގުޅުންވެސް ރަގަނޅު ވަމުންދާކަމަށެވެ. އަދި ބޯޅަ ޕާސް ކުރަންވީ ތަނާއިި ދުވަންވީ ތަންވެސް ދެކުޅުންތެރިންނަށް މިހާރު އެގޭކަމަށް ހެރީ ކޭން ބުންޏެވެ.

ޓޮޓްހެންހަމްގެ ކޯޗް ޖޯސޭ މޮރީނިއޯ ބުނީ އާސެނަލް އަތުން މިލިބުނީ ވަރަށް މުހިންމު މޮޅެއްކަމަށެވެ. އަދި ލީގުގައި ކޮންމެ ހިސާބަކުންވެސް ބަލިވެދާނެކަމާއި ބޮޑެތި ޓީމު އަތުން މޮޅުވިކަމަށް ވީނަމަވެސް، ތާވަލްގެ ފުލުގައި އޮންނަ ޓީމު އަތުންވެސް ބަލިވެދާނެކަމަށް މޮރީނިއޯ ބުންޏެވެ. ކޮންމެ މެޗްއަކަށްވެސް ތައްޔާރަށް ތިބެންޖެހޭކަމަށްވެސް ކޯޗް މޮރީނިއޯ ބުންޏެވެ. މިބައްޔާއެކު އާސެނަލްވަނީ ތާވަލްގެ 15ވަނައަށް ވެއްޓިފައެވެ. އެޓީމަށް އެގާރަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.