ޚަބަރު

ވަޒީފާގެ ބާޒާރަށް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިތުރު 2 އަހަރަށް ކުރިއަށް ގެންދަނީ


ވަޒީފާގެ ބާޒާރަށް ނުކުންނަ ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ކުރިއަށް އޮތް ދެއަހަރު ދުވަހަށް ކުރިއަށްގެންދަން ނިންމައިފިއެވެ. ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" ޕްރޮގްރާމް ކުރިން އޮތީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާގޮތަށެވެ.

"ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" ޕްރޮގްރާމާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއެކު ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ބައެއް މަސައްކަތްތެރިން އެނބުރި ޤައުމަށް ގޮސްފައިވާތީ އެ ދާއިރާތަކަށް ދިވެހިން ތަމްރީނުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމުގެ މުއްދަތު އިތުރުކުރަން ނިންމީ އެ ދާއިރާތަކަށް ބޭނުންވާ ދިވެހިންނަށް އެކަށޭނެ ތަމްރީނުތަކެއްދީ މީހުން ބިނާ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަން ފަދަ ކަމެއް ކުރިއަށްއޮތް ތަނުގައިވެސް ދިމާވެދާނެކަމަށް ބަލައި ދުރާލައި އެކި ދާއިރާތަކަށް ދިވެހިން ތަމްރީންކޮށްފިނަމަ އެފަދަ ކަމެއް ދިމާވި ނަމަވެސް އެކަމަކުން އަރައިގަތުމަށްވެސް ފަސޭހަވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ހުރިހާ އިދާރާތަކަށް މީހުން ބޭނުންވާވަރު ބަލައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މިކަމުގެ ސަބަބުން މުސްތަޤްބަލުގައި މީހުން ބިނާކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ފަސޭހަވެގެންދާނެ" ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.

80 ކުދިންނާއެކު މިދިޔަ ޖުލައި މަހު "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްއެވެ. "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ވަޒީފާއަކަށް ބޭނުންވާ ހުނަރުތަކާއެކު ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ތައްޔާރުވެފައިވާ ހުނަރުވެރި އަދި ޤާބިލު ބައެއް އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އިސްނެންގުވުމުގެ މަތިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ ޤައުމު މިހާރު އޮތް ހާލަތުން އަރައިގަނެ އިޤްތިޞާދު އަލުން ފަށައިގަންނައިރު ސިނާޢަތްތަކަށް މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުން 1200 މީހުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްރީން ކުރާ މީހުންގެ ތެރެއިން މަދުވެގެން 33 އިންސައްތަ، އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން 600 މީހުން ތަމްރީން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އައިސީޓީ ދާއިރާއިން 200 މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އިމާރާތްކުރުމުގެ ދާއިރާއިން 400 މީޙުން ތަމްރީން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ކޯސްތަކަކީ ޤައުމީ ސަނަދުގެ ލެވެލް 3ގެ ކޯސްތަކެކެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޯހުގެ ބައިވެރިންނަށް ކަނޑައެޅޭ އުޞޫލެއްގެ މަތިން ޕޮކެޓް މަނީގެ ގޮތުގައި 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ސަބަބުން އެކި ސިނާޢަތްތަކަށް ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހުނަރުވެރި މީހުން ބާޒާރަށް ނެރުމާއި އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވެރިވުން އިތުރުވެގެންދާނެއެވެ.