ވިޔަފާރި

ފަތުރުވެރިކަމުން ލިބުނު ކާމިޔާބީ ޤައުމީ އެއަރލައިނުންވެސް ފެންނަން ފަށައިފި


މިދިޔަ ހަފްތާ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބޭނުންކުރެއްވި ފްލައިޓުން ތަފާތު މަންޒަރެއް ފެނިގެންދިޔައެވެ. މޯލްޑިވިއަން ފްލައިޓުގެ ބޭރުން ކުރިން ނުފެންނަ އިޝްތިހާރެއް ފެންނަން ހުއްޓެވެ. އެއީ ރާއްޖެއަށް ފަތުރުވެރިކަމުގެ ދައިރާގެ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް މިއަހަރު ލިބުނުކަން އަންގައިދޭ އިޝްތިހާރެކެވެ.

މިދިޔަ މަހު ފަހުކޮޅު ރާއްޖެ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުރުވެރި އެއް އެވޯޑްކަމަށްވާ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބިފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ދިގު ތާރީހެއް އޮންނަމަވެސް، މިއީ މި އެވޯޑް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ދިވެހިންނަށް ލިބިގެންދިޔަ ބޮޑުު ފަޚުރެކެވެ.

މިކަން ހާމަވާ އެއްކަމަކީ ދަތުރު ކުރާ އެންމެންނަށް ފެންނަ ގޮތަށް ޤައުމީ އެއާލައިނުގައި މިއެވޯޑް ލިބުނުކަން އިޝްތިހާރުކުރުމެވެ.

ޕީއެސްއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، މޯލްޑިވިއަންގެ ޑޭޝް 8 ފްލައިޓެއްގައި އަދި ސީޕްލޭނެއްގައި 'ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން'ގެ ލިބުނުކަން އިޝްތިހާރުކޮށްފައިވާކަމަށެވެ، އަދި ކުރިއަށް އޮތް ތަނުގައި އިތުރު އުޅަނދުތަކުންވެސް އެކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަސީމް ވިދާޅުވީ، މޯލްޑިވިއަން ފްލައިޓެއްގައި މި ކަން އިޝްތިހާރުކުރުމުގެ ފަހަތުގައި ސަބަބުތަކެއް ހުންނާނެކަމަށެވެ. އެގޮތުން ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ހާލަތުގައިވެސް މިއެވޯޑް ލިބިފައިވާކަން ފަތުރުވެރިންނަށް އަދި ދިވެހިންނަށް ފެނުމުން އޭގެ ކޮންމެވެސް ކަހަލަ އަސަރެއް ކުރާނެތީއެވެ. މީގެ އިތުރުން ވަސީމް ވިދާޅުވީ، ފަތުރުވެރިންވެސް މޯލްޑިވިއަންގެ ބޯޓުތަކަށް އަރައި ފައިބާއިރު، އެ އެވޯޑް ލިބުނުކަން ފެންނަން އިނުމަކީ ޝަރަފެއް އަދި ފަޙުރެއްގެ ގޮތުގައި ބަލައިގަންނާނެކަމަށެވެ.

ރާއްޖޭގެ އިތުރުން ބޭރު ޤައުމުތަކުގައިވެސް މިއީ ކުރާކަމެކެވެ. އެ ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން ލިބޭ މިފަދަ ޝަރަފުތައް އެ ޤައުމެއްގެ އެއާރލައިންތަކުންނާއި އެހެނިހެން ތަންތަނުގައި އިޝްތިހާރުކުރުމަކީ އާންމު ކަމެކެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެއިން ވާދަކުރާތާ 12 އަހަރު މިވަނީ ވެފައެވެ. ދާއިރާ ތަރައްގީކޮށް ކުރިއަރުވަމުން އައިސް ކޯވިޑް-19 ގެ ބަލިމަޑުކަމާއިއެކު މުޅި ސިނާޢަތް މުޅިންހެން ހުއްޓުމަކަށް އައެވެ. ނަމަވެސް، ދިވެހިން ތިބީ ދޫދޭކަށެއް ނޫނެވެ. ދިވެހިން ތިބީ ކުރިއަށް ދާށެވެ. ދައިރާގެ ހުރިހާ ފަރާތްތަކުންވެސް އެ އަޒުމުގައި މަސައްކަތް ކުރަމުންދިޔައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިޙުގެ ޙިކުމަތް ތެރިކަމާއިއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިގެން ދިވެހި ސަރުކާރުން ޤައުމުގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލިއެވެ.

ދިވެހިރާއްޖެ މިހާރު ވެފައިވަނީ މިހާލަތުގައި ދަތުރު ކުރުމަށް އެންމެ ރައްކާތެރި އެއް ޤައުމުގެ ގޮތުގައެވެ. ދިވެހި ރާއްޖެ އުފެދިފައި އޮންނަ ގޮތުން ވަކި ރަށްތަކެއް ހުރުމުން އެކަމުގެ ފައިދާ މިވަނީ ފެންނަން ފަށާފައެވެ. މިކަންކަމާއި އެކު ދިވެހިންގެ ފަޙުރުވެރިކަމާއި އެކު ބައިނަލްއަޤްވާމީ މައިދާނަށް ނިކުންނަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައެވެ. ރާއްޖެ ޕްރޮމޯޓު ކުރަނީވެސް އެ ޝަރަފާއެކުއެވެ.