ކުޅިވަރު

ފުޓްބޯޅަ ސީޒަންގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.

މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި، މިކަމަށްޓަކައި ޓީވީއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މެޗްތަށް ލައިވް ކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޙާލިދުއެވެ. ދި އެފްއޭއެމްގެ ފަރާތުން ސޮއިކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ޕީއެސްއެމްއަކީ ދިވެހި ފުޓްބޯޅައިގެ އެންމެ ގިނަ މެޗްތައް މިހަތަނަށް ދައްކާފައިވާ ޓީވީ ޗެނަލްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ގައުމީ ޓީމްތަކާއި ކުލަބްތަކުން ކުޅެފައިވާ މުހިންމު މެޗްތައް ބެލުންތެރިންނާއި ހަމައަށް ޕީއެސްއެމުންވަނީ ގެނެސްދީފައެވެ. މިއެއްބަސްވުމުގެ ދަށުން މިއަންނަ އަންގާރަ ދުވަހު، ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޝެރިޓީ ޝީލްޑް މެޗް ލައިވް ކުރުމުގެ އިތުރުން، ދިވެހި ޕްރިމިއަރ ލީގްގެ 42 މެޗާއި އެފްއޭކަޕްގެ 7 މެޗާއި ޕްރެޒިޓެންޑް ކަޕްގެ 14 މެޗާއި، ދެވަނަ ޑިވިޝަންގެ 3 މެޗާއި، ގައުމީ ޓީމްގެ 10 މެޗް އިތުރުން ޔޫތު ފުޓްބޯޅަ މުބާރާތް، އަންހެން ފުޓްބޯޅަ މުބާރާތް އަދި އިންޓަރ ސްކޫލްގެ 59 މެޗް ޕީއެސްއެމްއިން ލައިވް ކުރުމަށް ހަމަޖެހިފައިވެއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕީއެސްއެމްގެ މެނޭޖިނގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ މިއީ ޕީއެސްއެމްގެ ހަޔާތުގައި ފާހަގަކޮށްލެވޭ ދުވަހެއްކަމަށާއި މެޗްތައް ލައިވް ކުރުމަށް އެފްއޭއެމުން ޕީއެސްއެމްއާއި އެކު ކުރިއަށް ދިއުމަށް ނިންމާފައިވާތީ އެކަމަށްޓަކައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދުވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރައްވާފައެވެ.

"މިއަދަކީ ޕީއެސްއެމްއަށް ވަރަށް އުފާވެރި ދުވަހެއް. މަޝްވަރާތަކަށްފަހު، އެފްއޭމްއިން ދިވެހި ފުޓްބޯޅައިގެ މެޗްތައް ލައިވް ކުރުމަށް ޕީއެސްއެމްއާއި އެކު ކުރިއަށް ދާން ނިންމުމުން މިއީ ޕީއެސްއެމްގެ އިތުރުން އެހެން ބްރޯޓްކާސްޓަރުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށް. އަދި ޕީއެސްއެމްއިން މެޗްތަށް ލައިވް ކުރި ނަމަވެސް އެހެން ޗެނަލްތަކަށްވެސް މެޗްގެ ފީޑް ވަކި އުސޫލެއްގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ޕީއެސްއެމްއިން އަބަދުވެސް މަސައްކަތް ކުރާނަން." ޕީއެސްއެމްގެ މެނޭޖިނގ ޑިރެކްޓަރ ޢަލީ ޚާލިދު ބުންޏެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށެވެ. އަދި ޕީއެސްއެމްއަކީ އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ މަގްބޫލް ޗެނަލްކަން ބައްސާމް ފާހަގަކުރެއްވިއެވެ. އަދި ޕީއެސްއެމް މެދުވެރިކޮށް މެޗްތައް ލައިވް ކުރުމަށް މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް މެޗްތަށް ފެންނާނެކަމުގެ ޔަގީންކަން ލިބިގެން ގޮސްފިކަމަށް ބައްސާމް ވިދާޅުވިއެވެ.

"މިއީ ވަރަށް އުފާވެރި ދުވަހެއް. ޕީއެސްއެމްއަކީ އެންމެ ގިނަ ބަޔަކަ ބަލާ، އަދި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެންނަ ހަމައެކަނި ޗެނަލް. މެޗްތައް ލައިވް ކުރުމުގެ އިތުރުން، މެޗްތައް ލައިވް ކުރާ ގަޑީގައި ނުފެންނަ ފަރާތްތަކަށް ފަހުން މެޗްތަކުގެ އުސްއަލިތަށްވެސް ބެލޭނެ އިންތިޒާމް މިއެއްބަސްވުމުގެ ދަށުން ޕީއެސްއެމްއިން ހަމަޖެހިގެންދާނެ. މިއީ ބެލުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކޮށްލެވޭ." އެފްއޭއެމްގެ ރައީސް ބައްސާމް ބުންޏެވެ.

މިއަހަރު ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުއެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވޭ ޗެރިޓީ ޝީލްޑް މެޗްގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސްއެވެ. ދިވެހި ޕްރިމިއަރ ލީގް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ވަނަ ދުވަހުގައެވެ.