ޚަބަރު

ވަރޗުއަލް ޤުރުއާން މުބާރާތުގެ ފައިނަލް ލިސްޓު އިޢުލާންކުރާނީ މާދަމާ


ކީރިތި ޤުރުޢާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް މުބާރާތުގެ ފައިނަލް ބުރަށްދާ މީހުންގެ ލިސްޓު މާދަމާ އިޢުލާންކުރާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވިދާޅުވެއްޖެއެވެ. ކުރިން މިލިސްޓް އިޢުލާންކުރުމަށް ނިންމާފައިވަނީ މިއަދުއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ފައިނަލަށްދާ މީހުންގެ ލިސްޓު އިޢުލާންކުރުން ފަސްކޮށްފައިވަނީ ބައިވެރިންގެ އަދަދު ގިނަވުމާއި ގުޅިގެން ފަނޑިޔާރުކަންކޮށް ނިމިފައި ނުވާތީކަމަށެވެ. ފައިނަލް ލިސްޓު މިހާރު އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ 18:00ގައިކަމަށް އިސްލާމިކް މިނިސްޓްރީއިން މަޢުލުމާތުދެއްވައެވެ.

މިމުބާރާތުގެ ފުރަތަމަ ބުރުގެ ނަތީޖާ، ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތުގެ ޕޯޓަލް އާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އިޢުލާންކުރާނެއެވެ.

ޤައުމީ ޤުރުއާން މުބާރާތް ވަރޗުއަލްކޮށް ބޭއްވުމަށް ނިންމީ ކޯވިޑް19ގެ ޙާލަތާއި ގުޅިގެންނެވެ. މި މުބާރާތްކުރިއަށްގެންދަނީ 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމަށް 3055 މީހުން ފޯމު ހުށައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް ކިޔެވުން ހުށައަޅާފައިވަނީ 2539 މީހުންނެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްގެންގޮސްފައިވަނީ އޮޑިޝަން ބުރެއްގެ ގޮތުގައެވެ.
މުބާރާތުގެ ފައިނަލް ބުރު އޮންނާނީ މިމަހުގެ 13އިން 17ވަނަ ދުވަހަށެވެ. ފައިނަލަށްދާ މީހުންގެ ކިޔެވުން ހުށައަޅަންޖެހެނީ ރެކޯޑްކޮށް، ވަރޗުއަލްކޮށެވެ.

ވަރޗުއަލްކޮށް ގެންދާ މި މުބާރާތާއިއެކު، އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ފަހިވެގެން ގޮސްފައެވެ.