ވިޔަފާރި

ކުރެހުންތެރިންނަށް ހާއްސަ ފިހާރައެއް އާޓް ގެލަރީގައި ހުޅުވަނީ


އެންސީއޭއިން ކުރިއަށްގެންދާ އާޓިސްޓުން އުފެއްދުމުގެ ޕްރޮގްރާމްގައި ކުރެހުންތެރިންގެ ކުރެހުންތައް މާކެޓް ކުރުމަށް ހާއްސަ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަމަށް އެންސީއޭއިން ބުނެފިއެވެ.މިކަމާއިބެހޭގޮތުން މައުލޫމާތުދެއްވަމުން ނޭޝެނަލް ސެންޓަރ ފޯރ ދި އާޓްސްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝިޔާމް ވިދާޅުވީ، އެންސީއޭއިން ރާއްޖޭގެ ދެއަތޮޅެއްގައި އާޓިސްޓުން އުފެއްދުމަށް ޕްރޮގްރާމްތައް ހިންގާފައިވާކަމަށާއި ކުރިއަށްއޮތްތަނުގައި މާލޭގެ އިތުރުން ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގައި އާޓިސްޓުން އުފައްދާ ތަކެތި ރަނގަޅު އަގުގައި ވިއްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ނެޝެނަލް އާޓް ގެލަރީގައި އާޓިސްޓުންނަށް ހާއްސަ ފިހާރައެއް ހުޅުވުމަށް ނިންމަވާފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.މީގެ އިތުރުން، މިހާރު ކުރިއަށްދަނީ މިފިހާރަ ހިންގާނެ ގޮތަކާއިމެދު މަޝްވަރާކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މި ފިހާރަ ހިންގާނީ އާޓިސްޓުން ބޭނުންކަމަށްވާނަމަ އާޓިސްޓުން އަމިއްލައަށްތޯ ނުވަތަ ބަޔަކާއި ހަވާލުކޮށްގެންތޯ ބަލައި އެކަމާއި މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.މިއުޒިކާއި އާޓްސްގެ ދާއިރާއިން ޒުވާނުންނަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ހިންގާ ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދިނުމަކީ އެންސީއޭގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.