ޚަބަރު

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ


ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ދެކުނު އަތޮޅުތަކަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. އެގޮތުން ގއ. އަތޮޅުން ފެށިގެން އައްޑޫއާ ދެމެދުގެ އަތޮޅުތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު، އެސަރަޙައްދުގައި 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެއެވެ.

މުސޫމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނު އަތޮޅުތައް ފިޔަވައި ދެން ހުރި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެން ވާ ކަމެއްކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.