ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން އަނެއްކާވެސް ރެކޯޑެއް!


ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ރާއްޖެއަށް 2900 ފަތުރުވެރިން އައިސްފައިވާ ކަމަށާއި މިއީ އައު ރެކޯޑެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބޯޑަރު ހުޅުވާލިތާ 20 ހަފްތާ ތެރޭ ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ސުމަކުން 3000 އަށް ގެންދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި އެ ކާމިޔާބީ ހާސިލުކުރެވުނީތީ އިންޑަސްޓްރީގެ ފަރާތްތަކާއި، ކަމާއި ގުޅުން ހުރި ހުރިހާ ފަރާތަތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު އެއަރލައިންތަކުން ދަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންނެވެ.

އިއްޔެ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެފައިވާއިރު، އިއްޔެ ވަނީ ތިން އެއަރލައިންއަކުން ރާއްޖެއަށް ދަރުތުތައްވެސް ފަށާފައެެވެ. ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފަށަމުންދާއިރު، ރާއްޖެއަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ކޮންމެ ދުވަހަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޮކްޓޫބަރުމަހު މި އަދަދު ހުރީ 694 ގައެވެ. އަދި ނޮވެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 82902 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއާއެކު މިއަހަރު މިހާތަނަށް 465749 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.