ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން 80000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި


ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިހާތަނަށް 80000 އަށް ވުރެގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 82902 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 465749 އަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓު މަހު 7628 ފަތުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ.

އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެހެންކަމުން އޮކްޓޫބަރުމަހާ އަޅާ ބަލާއިރު ނޮވެމްބަރުމަހުގެ ތެރޭ ރާއްޖެއަށް 14244 ފަތުރުވެރިން އިތުރަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިމަހުގެ ފުރަތަމަ ހަތަރު ދުވަސްތެރޭ ރާއްޖެއަށް ވަނީ 6761 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 1690 ފަތުރުވެރިން އާދެއެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ކޮންމެ ދުވަހަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޮކްޓޫބަރުމަހު މި އަދަދު ހުރީ 694 ގައެވެ. އަދި ނޮވެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ.

ރާއްޖޭ ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިޔާއިންނެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް 17404 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 10318 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް 5703 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިކަމުގެ 36604 އެނދުވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 31104 އެނދާއި، ހޮޓާތަކުގެ 602 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2330 އެނދު އަދި ގެސްޓުހައުސްތަކުގެ 2568 އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.